ސިއެރާ ލިއޯން ފްރީޓައުން

ދުނިޔެ

ސިއެރާ ލިއޯން ޖަލަށް ދީފައިވާ ޙަމަލާއަކީ ރޭވިގެން ދީފައިވާ ޙަމަލާއެއްކަމަށް އެޤައުމުން ބުނެފި

ދާނިޝް - އެފްރުކާ | 28 ނޮވެންބަރު 2023 , އަންގާރަ 08:41   467

ސިއެރާ ލިއޯންގައި ހަތިޔާރު އެޅި ބަޔަކު އަސްކަރީ ބެރަކަށް ހަމަލާދީ އެތައް ސަތޭކަ ގައިދީއަކު މިނިވަންކުރީ "ކޯޑިނޭޓެޑް އެންޑް ރަނގަޅަށް ރޭވިފައިވާ" ހަމަލާއެއްގައި ކަމަށް އެ ގައުމުގެ އިންފޮމޭޝަން މިނިސްޓަރު ވިދާޅުވެއްޖެ އެވެ.

މިހަމަލާ ދީފައި މިވަނީ ސިއެރާ ލިއޯނިއާގެ ފްރީޓައުންގައި ހިނގި ހަމަނުޖެހުންތަކާ ގުޅިގެން މުޅި ގައުމުގައި ކާފިއު ހިންގަމުން ދަނިކޮށެވެ.

އިންފޮމޭޝަން މިނިސްޓަރު ޗެރްނޯހް ބާހް ވިދާޅުވީ އެ ހަމަލާއަކީ ވަރަށް ސީރިއަސް ބްރީޗްއެއް ކަމަށެވެ.

ކާފިއު އުވާލުމަށްފަހު ހޯމަ ދުވަހުގެ ހެނދުނު ބީބީސީގެ ނިއުސްޑޭ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ މިއީ ކޯޑިނޭޓްކޮށް، ރަނގަޅަށް ރާވައިގެން ދައުލަތުގެ ސަލާމަތާއި ރައްކާތެރިކަމަށް އަމާޒުކޮށް ދިން ހަމަލާތަކެއް ކަމަށެވެ. އަދި އޭގެ ތެރޭގައި މިހާރުގެ އަދި ކުރީގެ އަސްކަރީ އޮފިޝަލުން ވެސް ހިމެނޭ ކަމަށާއި، އޭގެ ތެރެއިން ބައެއް މީހުން މިހާރު ވަނީ ސަލާމަތީ ބާރުތަކުން ހިފަހައްޓައިފައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ބަޣާވާތެއް ކުރަން އުޅުނު ކަމަށް ދެކެވޭ ވާހަކަތަކަށް ޖަވާބު ދެއްވަމުން ބާހް ވިދާޅުވީ އިއްޔެގެ ހަމަލާގައި އިސްކޮށް އުޅުއްވި ބައެއް މީހުން ހައްޔަރުކޮށްފައިވާ ކަމަށާއި އެ މީހުންނާއި މިހާރު ސަލާމަތީ ބާރުތަކުން ސުވާލު ކުރަމުން އަންނަ ކަމަށެވެ.

ހުޅަނގާއި މެދުތެރޭ އެފްރިކާގެ ބައެއް ގައުމުތަކުގައި ދާދި ފަހުން ހިންގި ބަޣާވާތަށް ފަހު އަސްކަރީ ވެރިކަމެއް ވަނީ ފަށާފަ އެވެ. އޭގެ ތެރޭގައި ސިއެރާ ލިއޯންގެ އަވަށްޓެރި ގިނީގެ އިތުރުން މާލީ، ނައިޖާ އަދި ޗާޑް ހިމެނެ އެވެ. އަސްކަރިއްޔާގެ އޮފިޝަލަކު މީޑިއާތަކަށް މައުލޫމާތު ދެމުން ބުނިގޮތުގައި ހައްޔަރުކުރި މީހުންގެ ތެރޭގައި ކުރީގެ ރައީސް އާނެސްޓް ކޮރޯމާގެ ގާޑެއް ވެސް ހިމެނޭ ކަމަށެވެ.

އޭގެ ގަޑިއިރުތަކެއް ފަހުން ކޮރޯމާ ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ އޭނާގެ ގާޑުގެ ތެރެއިން އެކަކު މަރާލައި، އަނެއް މީހަކު ވަގަށް ނަގާފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ އެ ހަމަނުޖެހުންތައް ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާ ކަމަށާއި އެ ހަމަނުޖެހުންތަކުގައި "ކޯޕްރަލް އެޑީ ކޮންޓޭ" އަށް ޕޮއިންޓް ބްލޭންކް ރޭންޖުގައި ބަޑި ޖަހާފައިވާ ކަމަށާއި އަދި އޭނާގެ އެކުވެރިޔާ ވޮރަންޓް އޮފިސަރު ޖޯން ސްވަރޭ ރަހީނުކޮށްފައިވާ ކަމަށެވެ.

ސިއެރާ ލިއޯންގެ އިންފޮމޭޝަން މިނިސްޓަރ ވަނީ ފްރީޓައުންގައި ހަމަޖެހުން ޤާއިމުކުރެވިފައިވާކަމަށް ވިދާޅުވެ ރައީސް ޖޫލިއަސް މާޑާ ބަޔޯއަށް ތާއީދުކުރައްވާފައެވެ. ނަމަވެސް ހަތިޔާރު އެޅި މީހުންނާއި ފިލައިގެން ތިބި ގައިދީން ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް ބާހް ވިދާޅުވި އެވެ.

އާދީއްތަ ދުވަހުގެ ރޭ ޓީވީ މެދުވެރިކޮށް ދެއްވި ތަގުރީރުގައި ސިއެރާ ލިއޯންގެ ރައީސް ވަނީ އެ ހާދިސާތަކަކީ ސަލާމަތާއި ރައްކާތެރިކަމަށް ހުރަސް އެޅުމާއި ޑިމޮކްރަސީއަށް ދިން ހަމަލާއެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.

ސިއެރާ ލިއޯންގެ ރައީސް ބަޔޯ އަލުން އިންތިހާބުވި ފަހުން އެ ގައުމުގެ ސިޔާސީ މަސްރަހު ވަނީ ނުތަނަވަސްވެފަ އެވެ. މިދިޔަ އޮގަސްޓް މަހުގެ ތެރޭގައި ވެސް ރައީސްއާ ދެކޮޅަށް ބަޣާވާތެއް ރޭވި ކަމުގެ ތުހުމަތު ކޮށް، ގިނަ އަދަދެއްގެ ސިފައިން ވަނީ ހައްޔަރުކޮށްފައެވެ.

ޓެގްސް: ޓެރަރިޒަމް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.