ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕޫޓިން

ދުނިޔެ

ޕުޓިން ސައޫދީ އާއި ޔޫއޭއީއަށް ކުރައްވާ ދަތުރުފުޅުގައި އިސްރާއީލާއި ހަމާސް ހަނގުރާމައާ ބެހޭ ގޮތުން މަޝްވަރާ ކުރައްވާނެ

ދާނިޝް - ޔޫރަޕް | 6 ޑިސެންބަރު 2023 , ބުދަ 10:34   92

ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕުޓިން ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އާއި ސައުދީ އަރަބިއްޔާއަށް މިހަފްތާގައި ކުރައްވާ އެއް ދުވަހުގެ ދަތުރުފުޅުގައި އިސްރާއީލާއި ހަމާސް ޖަމާއަތާއި ދެމެދު މިހާރު ހިނގަމުން އަންނަ ހަނގުރާމައާއި ބެހޭގޮތުން މަޝްވަރާ ކުރައްވަން ހަމަޖެހުފައިވާ ކަމަށް ކްރެމްލިން އިން ބުނެފިއެވެ.

ކްރެމްލިންގެ ތަރުޖަމާނު ޑިމިޓްރީ ޕްސްކޯފް މައުލޫމާތު ދެއްވާ ގޮތުގައި ބުދަ ދުވަހު ޕުޓިން ދެ ގައުމަށް ވެސް ރަސްމީ ދަތުރުފުޅެއް ކުރައްވާނެ ކަމަށެވެ. އަދި އީރާނުގެ ރައީސްއާއި މޮސްކޯގައި ބައްދަލު ކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ޕެސްކޯވް ވިދާޅުވީ މި މަޝްވަރާތަކުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރާނީ ދެ ގައުމުގެ ގުޅުންތަކާއި އިސްރާއީލާއި ހަމާސް އާ ދެމެދު ހިނގަމުންދާ ހަނގުރާމައާއި ބައިނަލްއަގްވާމީ އެހެނިހެން ކަންކަމާ ގުޅޭ ގޮތުން ކަމަށެވެ. އަދި އޯޕެކްގެ ދަށުން ތެލުގެ އަގު ކަނޑައެޅުމާ ގުޅޭ މައްސަލަތައް ވެސް އެޖެންޑާ ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޕުޓިންގެ މި ދަތުރުފުޅު އެންމެ ފުރަތަމަ އިއުލާނު ކުރެއްވީ މިދިޔަ ހޯމަ ދުވަހު އޭނާގެ ފޮރިން އެފެއާޒް އެޑްވައިޒަރު ޔޫރީ އުޝާކޮވް، ރަޝިއާގެ ނިއުސް އައުޓްލެޓް ލައިފްއާ ވާހަކަ ދައްކަވަމުންނެވެ.

"އަޅުގަނޑު އުއްމީދު ކުރަނީ މިއީ ވަރަށް ބޭނުންތެރި މަޝްވަރާތަކަކަށް ވާނެ ކަމަށް، އެއީ އަޅުގަނޑުމެން ވަރަށް މުހިންމު މަޝްވަރާތަކެއް ކަމަށް،" އުޝާކޯވް އާ ހަވާލާދީ ލައިފް އިން ބުންޏެވެ.

ޕޫޓިން މިދަތުރުފުޅަކީ މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކުގައި ރަޝިއާއިން ބާރުގެ މެދުވެރިއެއްގެ ދައުރު ކުރިއަށް ގެންދަން ބޭނުންވެފައިވާ ދަނޑިވަޅެއްގައެވެ.

ޕެސްކޯވް ވިދާޅުވީ ބުރާސްފަތި ދުވަހު ކްރެމްލިންގައި އީރާނުގެ ރައީސް އިބްރާހިމް ރައީސީއަށް ޕޫޓިން ބައްދަލު ކުރައްވާނެ ކަމަށެވެ.

މިދިޔަ އޮކްޓޯބަރު މަހު ރަޝިއާގެ ރައީސް ޗައިނާއަށްވެސް ދަތުރުފުޅެއް ކުރައްވާފައި ވާއިރު ދާދި ފަހުން އޭނާ ވަނީ ކުރީގެ ސޯވިއެޓް ގައުމުތަކަށްވެސް ގިނަ ދަތުރުތަކެއް ކުރައްވާފަ އެވެ.

ހަނގުރާމައިގެ ޖަރީމާތަކާ ގުޅިގެން ބައިނަލްއަގުވާމީ ކްރިމިނަލް ކޯޓުން މިދިޔަ މާޗް މަހު ޕޫޓިން ހައްޔަރު ކުރުމުގެ އަމުރެއް ވަނީ ނެރެފައެވެ. އެއީ ޔޫކްރެއިންއިން ކުޑަކުދިން ވަގަށް ނެގި މައްސަލާގައި ޕުޓިން ފަރުދީ ޒިންމާ އުފުލަން ޖެހޭ ކަމަށް ބުނެ އެވެ.

މި އަމުރު ނެރުމާއެކު، ދެކުނު އެފްރިކާގައި ބާއްވާ ބްރިކްސް ސަމިޓްގައި ބައިވެރި ނުވާނެކަމަށް ޕުޓިން ވަނީ އިއުލާނުކޮށްފައެވެ. އެއީ ބައިނަލްއަގުވާމީ ކޯޓުގެ މުއާހަދާގައި ސޮއިކޮށްފައިވާ ގައުމަކަށް ވާތީ، އެގައުމަށް ވަޑައިގަތުމުން ޕުޓިން ހައްޔަރުކުރަން އެ ގައުމަށް މަޖުބޫރުވާނެތީ އެވެ.

އައިސީސީގެ ފައުންޑިން ޓްރީޓީގައި ސައުދީ އަރަބިއްޔާ އާއި ޔޫއޭއީއިން ވެސް ސޮއިކޮށްފައެއް ނުވެ އެވެ.

މިދިޔަ މާޗް މަހު ޕޫޓިންއާ ދެކޮޅަށް ނެރުނު ނޯޓިސްއަކީ އދ.ގެ ސަލާމަތީ މަޖިލީހުގެ ދާއިމީ ފަސް މެމްބަރުންގެ ތެރެއިން އެއް މެމްބަރެއްގެ ލީޑަރެއްގެ މައްޗަށް ދުނިޔޭގެ ކޯޓުން އަމުރެއް ނެރުނު ފުރަތަމަ ފަހަރުވެސް މެއެވެ.

ޓެގްސް: ސައުދީ ޢަރަބިއާ ޔޫއޭއީ ވްލާޑްމީރް ޕުޓިން
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.