ޣައްޒާގެ ދެކުނުގައި އޮންނަ ޚާން ޔުނިސްގައި ހުންނަ ނާސިރު ހޮސްޕިޓަލް

ދުނިޔެ

ޣައްޒާގެ ހާލަތު ގަޑިން ގަޑިއިއަށް ދަނީ ގޯސްވަމުން: ޑަބްލިއުއެޗްއޯ

ދާނިޝް - މެދުއިރުމަތި | 6 ޑިސެންބަރު 2023 , ބުދަ 21:41   425

ޣައްޒާގެ ހާލަތު ގަޑިން ގަޑިއަށް ހާލަތު ގޯސްވަމުންދާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ފަލަސްތީނަށް ކަނޑައަޅާފައި ހުންނަވާ މަންދޫބު ރިޗަޑް ޕީޕަރކޯން ޣައްޒާއިން ވީޑިއޯ ލިންކް މެދުވެރިކޮށް ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވެއްޖެއެވެ.

"ދެކުނުގެ ސަރަހައްދުތަކާއި ޚާން ޔުނިސް އަދި ރަފާހުގައި ވެސް ބޮމުގެ ހަމަލާތައް ދަނީ ވަރުގަދަކުރަމުން" އޭނާ އިތުރަށް ބުންޏެވެ.

އަންގާރަ ދުވަހުގެ ހެނދުނާ ހަމައަށް ވެސް އިސްރާއީލުން ވަނީ އެންކްލޭވްގެ ދެކުނުގައި ހަމަލާތައް ވަރުގަދަކޮށްފަ އެވެ. ހަމައެހެންމެ ޖަބާލިއާ އަލް ބަލާދު ހިމެނޭ ގޮތަށް ޣައްޒާގެ އުތުރުގައި ދިން ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުގެ 15 އަށް ވުރެ ގިނަ މީހުން ޝަހީދުވެފައިވާ އިރު، މި ސަރަހައްދުތަކަށް ވެސް ދަނީ ހަމަލާތައް ވަރުގަދަ ކުރަމުންނެވެ.

ޣައްޒާގެ ހެލްތު މިނިސްޓްރީގެ ޑިރެކްޓާ ޖެނެރަލް މުނީރު އަލް ބުރުޝް އަލްޖަޒީރާއާ ވާހަކަ ދައްކަވަމުން ވިދާޅުވީ ކަމާލް އަދްވާން ހޮސްޕިޓަލަށް ވެސް ދަނީ އިސްރާއީލުން ވަރުގަދަ ބަޑީގެ ހަމަލާތައް ދެމުން ކަމަށެވެ.

"އިސްރާއީލު ސިފައިން ވަނީ ހުރިހާ ދިމާލަކުން އެތަން ވަށާލާފަ. ބަލި މީހުންނާއި މިތަނުގައި ހިޔާވަހިކަން ހޯދި މީހުން ތިބީ ބިރުން ހިފަހައްޓައި، ބިރުވެރިކަމުން ފުރިފަ. އިޒްރޭލު ސިފައިން ހަމަލާ ދެނީ ހޮސްޕިޓަލުގެ ތެރޭގައި ތިބި އެންމެން ގަދަކަމުން ބޭރުކުރުމުގެ މަގްސަދުގަ. އެއީ ބަލި މީހުންނާއި، ހާލުގައި ޖެހިފައިވާ މީހުންނާއި، ގެދޮރު ގެއްލިފައިވާ އާންމުން. މެޑިކަލް ސްޓާފުން މިތިބީ އަޒުމް ވަރުގަދަ ކޮށް. އަޅުގަނޑުމެން މިތިބީ ބަލިމީހުންނާ އެކީގައި. ކަމަލް އަދްވާން ހޮސްޕިޓަލުގައި މިތަނުގައި ވެވެން އޮތް ހުރިހާ ގޮތަކުން ވެސް ރައްޔިތުންނަށް ހިދުމަތް ކުރުމުގައި ދެމިތިބޭނަން" އަލް ބުރުޝް ވިދާޅުވިއެވެ.

ޣައްޒާގެ އުތުރުގައި ހުންނަ ކަމާލް އަދްވާން ހޮސްޕިޓަލުގައި އިސްރާއީލުގެ ޓޭންކުތަކާއި ސްނައިޕަރުން އެ ތަން ވަށައިގެން ވަށައިގެން "ހިނގާ ކޮންމެ މީހަކަށް ބަޑިޖަހާފާނެ" ކަމުގެ އިންޒާރު ޣައްޒާގެ ސިއްހަތާ ބެހޭ ވުޒާރާއިން ދީފައިވާއިރު ފަލަސްތީނުގެ 7،000 އެއްހާ މީހުން އެތެރޭގައި ހިޔާވަހިކަން ހޯދަމުން އަންނަ ހޮސްޕިޓަލުގެ ބޭރުގައި ހަށިތައް ޖަމާވަމުން އަންނަ ކަމަށްވެސް އެ ވުޒާރާއިން ވަނީ މައުލޫމާތު ދީފައެވެ.

އިސްރާއީލުގެ އަސްކަރިއްޔާގެ ހަމަލާތަކުގައި މިހާރުވެސް އާންމުންގެ 108 މީހުން މަރުވެ، ހޮސްޕިޓަލުގެ ކައިރީގައި އެތައް ބަޔަކު ޒަހަމްވެފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

"އަލް-ޝިފާ ހޮސްޕިޓަލް އާއި އިންޑޮނޭޝިއާ ހޮސްޕިޓަލުގައި ހިނގި ފަދައިން ކަމަލް އަދްވާން ހޮސްޕިޓަލުގެ ތެރޭގައި ވެސް މީހުން މެރުމުގެ ބިރު އެބައޮތް،" އަލް ބުރުޝް ވިދާޅުވި އެވެ.

ކަމާލް އަދްވާން ހޮސްޕިޓަލަކީ ޣައްޒާގައި އަދިވެސް ހިންގަމުން އަންނަ އެންމެ ހަ ހޮސްޕިޓަލުގެ ތެރޭގައި ހިމެނޭ ހޮސްޕިޓަލެކެވެ. މަދު ވަސީލަތްތަކާއި ގިނަގިނައިން ކަރަންޓު ކެނޑުމުން ދުވާލެއްގެ މައްޗަށް އެތައް ސަތޭކަ ޒަހަމްތަކަކަށް ފަރުވާ ދިނުމުގައި ހޮސްޕިޓަލްތަކުން ދަނީ ދަތިތައް ކުރިމަތިވަމުންނެވެ.

ފަލަސްތީނުގެ ނިއުސް އެޖެންސީ ވަފާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި ޣައްޒާގެ މެދުތެރޭގައި ހުންނަ ނުސީރަތު ރެފިއުޖީ ކޭމްޕާއި ދެކުނު ޣައްޒާގެ ޚާން ޔޫނިސްއަށް އިސްރާއީލުން ދިން ހަމަލާތަކުގައި މިހާތަނަށް 50 މީހުން ވަނީ ޝަހީދުވެފައެވެ.

އިޒްރޭލުގެ އަސްކަރިއްޔާއިން ބުނީ ޖަބާލިއާ ރެފިއުޖީ ކޭމްޕް ވަށާލީ ޓެރަރިސްޓް އިންފްރާސްޓްރަކްޗާގެ ގޮތުގައި ސިފަކުރާ ކޭމްޕް ކަމަށް ބެލެވޭތީއެވެ.

މީގެ އިތުރުން އިސްރާއީލުން ދިން ބޮމުގެ ހަމަލާތަކާ ގުޅިގެން ޣައްޒާގައި ޓެލެކޮމިއުނިކޭޝަންގެ ހިދުމަތް ކަނޑާލުމާ ގުޅިގެން ފަލަސްތީނު ރެޑް ކްރެސެންޓުން އެ ގައުމުގެ ޓީމުތަކާ ގުޅުން ކެނޑިފައިވާ ކަމަށް ފަލަސްތީނު ރެޑް ކްރެސެންޓުން ވަނީ ބުނެފައެވެ.

އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހުން ފެށިގެން މިހާތަނަށް ޣައްޒާގައި ފަލަސްތީނުގެ 15،899 މީހުން ވަނީ ޝަހީދުވެފައެވެ. އަދި ނުސީރަތު ރެފިއުޖީ ކޭމްޕާއި ޣައްޒާގެ ދެކުނުގައި ހުންނަ ޚާން ޔޫނިސްއަށް މިފަހުން ދިން ހަމަލާތަކުގައި މަރުވި މީހުންގެ ރަސްމީ އަދަދު އެކަނި ވަނީ ގާތްގަނޑަކަށް 1200 އަށް އަރާފައެވެ.

ޓެގްސް: ފަލަސްޠީން މެދުއިރުމަތި
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.