ނޫސްވެރިން ކަމަށްވާ ސާރީ މަންސޫރާއި ހަސޫނާ އެސްލީމްގެ ހަށިތައް

ދުނިޔެ

ލުބުނާނުގެ ނޫސްވެރިންގެ މަރުގެ މައްސަލައިގައި އިސްރާއީލަށް ހަނގުރާމައިގެ ޖަރީމާތަކާ ކުރިމަތިލާން ޖެހޭ: އެންޖީއޯ

ދާނިޝް - މެދުއިރުމަތި | 9 ޑިސެންބަރު 2023 , ހޮނިހިރު 23:07   101

ލުބުނާނުގެ ދެކުނުގައި ނޫސްވެރިއަކު ޝަހީދުކޮށް، އިތުރު ހަ މީހަކު ޒަހަމްކޮށްލި އިސްރާއީލުން ދިން ހަމަލާތަކަކީ ސީދާ އާންމުންނަށް ދިން ހަމަލާއެއް ކަމަށް ބެލެވޭ ކަމަށާއި އެއީ ހަނގުރާމައިގެ ޖަރީމާއެއްގެ ގޮތުގައި ބަލަން ޖެހޭ ކަމަށް ބައިނަލްއަގުވާމީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމާއަތްތަކުން ބުނެފި އެވެ.

ހިއުމަން ރައިޓްސް ވޮޗް (އެޗްއާރްޑަބްލިއު) އާއި އެމްނެސްޓީ އިންޓަނޭޝަނަލް ގުޅިގެން ކުރި ތަހުގީގުން އެނގިފައިވާ ގޮތުގައި އޮކްޓޯބަރު މަހުގެ 13 ވަނަ ދުވަހު އިޒްރޭލުގެ އަސްކަރިއްޔާއިން ބޯޑަރު ކައިރީގައި ނޫސްވެރިންނާއި އަމާޒުކޮށް ބަޑީގެ ހަމަލާތަކެއް ދީފައި ވަނީ އާންމުންނަށް އަމާޒުކޮށްގެން ދިން ހަމަލާތަކެއްގެ ގޮތުގަ އެވެ.

މި ހަމަލާތަކުގައި ރޮއިޓާސްގެ ނޫސްވެރިޔާ އީސާމް އަބުދުالله އަވަހާރަވެ، އަލްޖަޒީރާގެ ކެމެރާޕާސަން އެލީ ބްރަކިއާ އާއި ރިޕޯޓަރު ކާމެން ޖޫޚާދާރު ގެ އިތުރުން އިތުރު ހަ ނޫސްވެރިއަކު ވަނީ ޒަހަމްވެފަ އެވެ.

އެޗްއާރްޑަބްލިއު އިން ބުނީ "ހެކިތަކުން އެނގެނީ އިޒްރޭލުގެ އަސްކަރިއްޔާއަށް އެމީހުން ބަޑި ޖަހަމުން ދިޔަ މީހުންނަކީ އާންމުންކަން އެނގުނު ކަން ނުވަތަ އެނގެން ޖެހޭނެ ކަން" ސާބިތުވާ ކަމަށާއި އެއީ "ހަނގުރާމައިގެ ޖަރީމާއެއް" ކަމަށެވެ.

އެޗްއާރުޑަބްލިއުގެ ބަޔާނުގައި ބުނެފައި ވަނީ މިއީ ގާނޫނާ ހިލާފަށް އަދި ހާމަކަން ބޮޑު ގޮތެއްގައި ނޫސްވެރިންނަށް އަމާޒުކޮށް ދިން ހަމަލާއެއް ކަމަށެވެ.

އެ ޖަމާއަތުން ވަނީ އިސްރާއީލުގެ ބައިވެރިން ކަމަށްވާ އެމެރިކާ، އިނގިރޭސިވިލާތް، ކެނެޑާ އަދި ޖަރުމަނުވިލާތުން އިސްރާއީލަށް އަސްކަރީ އެހީތެރިކަމާއި ހަތިޔާރު ވިއްކުން މެދުކަނޑާލުމަށް ގޮވާލާފައެވެ.

އެމްނެސްޓީން ނެރުނު އަމިއްލަ ރިޕޯޓުގައި ބުނެފައި ވަނީ އިސްރާއީލުގެ އަސްކަރީ ހަމަލާތަކަކީ ސީދާ އާންމުންނަށް ދިން ހަމަލާއެއް ކަމަށް ބެލެވޭ ކަމަށާއި އެއީ ހަނގުރާމައިގެ ޖަރީމާއެއްގެ ގޮތުގައި ބަލަން ޖެހޭ ކަމަށެވެ. އެ ޖަމާއަތުގެ ތަހުގީގަށް އެނގުނު ގޮތުގައި ނޫސްވެރިންނަށް ބަޑީގެ ހަމަލަތައް އަމާޒުވުމުގެ ކުރިން އެމީހުން ސްޓޭޝަނަރީގައި 75 މިނިޓު މަދުވެގެން ތިބި ކަމަށާއި އަދި އެމީހުން ތިބީ ހިނގަމުންދިޔަ ހަމަނުޖެހުންތަކުން ވަރަށް ބޮޑަށް ދުރުވެ، މީޑިއާގެ މެމްބަރުން ގޮތުގައި ސާފުކޮށް ދެނެގަނެވިދާނެ ގޮތެއްގައި ކަމަށެވެ.

"ނޫސްވެރިން މެރުމާއި ހަމަލާ ދިނުމުގެ ފުރުސަތު އިޒްރޭލަށް ދީގެން ނުވާނެ،" އެމްނެސްޓީގެ މެދުއިރުމައްޗާއި އުތުރު އެފްރިކާއަށް ކަނޑައަޅާފައި ހުންނަވާ ޑެޕިއުޓީ ރީޖަނަލް ޑިރެކްޓަރު އަޔާ މަޖުޒޫބު ވިދާޅުވި އެވެ.

އަލްޖަޒީރާއަށް ދެއްވި އިންޓަވިއުއެއްގައި މަޖުޒޫބު ވިދާޅުވީ ނޫސްވެރިންނަކީ ބިންމަތީގައި ލޮލާއި ކަންފަތް ކަމަށާއި، އެ މީހުން ފޯރުކޮށްދެނީ އަޅުގަނޑުމެން ފަދަ ޖަމިއްޔާތަކަށް ކޮން ޖަރީމާތަކެއް ތޯ ބެލުމަށް މުހިންމު މައުލޫމާތާއި ހެކި ކަމަށެވެ. އަދި ނޫސްވެރިން އެމީހުންގެ ކުށްތައް ޑޮކިއުމެންޓް ކުރަން ހަނގުރާމަ ކުރާ ފަރާތްތަކުން ބޭނުން ނުވާ ކަމަށް ވެސް ވެދާނެ ކަމަށް އެކަމަނާ ވިދާޅުވި އެވެ.

ޣައްޒާގެ ހަނގުރާމަ ކަވަރުކުރާ ނޫސްވެރިންނަށް ކުރިމަތިވަނީ އާދަޔާ ހިލާފު ނުރައްކަލެއް ކަމަށް މީޑިއާ ރައިޓްސް ގްރޫޕް ކޮމިޓީ ޓު ޕްރޮޓެކްޓް ޖާނަލިސްޓްސް (ސީޕީޖޭ) އިން ވަނީ ބުނެފައެވެ.

ޣައްޒާ ހަނގުރާމަ ފެށުނު ފަހުން މިހާތަނަށް 63 ނޫސްވެރިން ޝަހީދުކޮށްލާފައިވާއިރު އޭގެ ތެރޭގައި ފަލަސްތީނުގެ 56 މީހަކާއި އިޒްރޭލުގެ ހަތަރު މީހަކާއި ލުބުނާނުގެ ތިން މީހަކު ވެސް ހިމެނޭ ކަމަށް އެ ޖަމާއަތުން ބުނެ އެވެ.

ފާއިތުވި 22 އަހަރުގެ ތެރޭގައި ސީޕީޖޭއިން ވަނީ އިސްރާއީލުގެ އަސްކަރިއްޔާއިން 20 ނޫސްވެރިއަކު މަރާލި ކަމުގެ ލިޔުންތައް ލިޔެފައެވެ. މި މަރުތަކުގެ ޒިންމާ އެއްވެސް މީހެއްގެ މައްޗަށް އުފުލާފައެއް ނުވެ އެވެ.

އެ ޖަމިއްޔާއިން ބުނީ މި މައްސަލަތަކުގައި އަދަބު ނުދިނުމުގެ ސަބަބުން ނޫސްވެރިކަމުގެ މިނިވަންކަން ވަރަށް ބޮޑަށް ނިގުޅައިގަނެ، ނޫސްވެރިންނަށް ހަމަލާގެ ނުރައްކާ ބޮޑުވެފައިވާ ކަމަށެވެ.

ޓެގްސް:
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.