ނައިޖީރިއާގެ ހޮސްޕިޓަލެއް

ދުނިޔެ

ހުޅަނގު އެފްރިކާގައި ނުރައްކާތެރި ޑިޕްތެރިއާ ބަލި ހަލުވިކަމާއިއެކު ފެތުރެނީ

ދާނިޝް - އެފްރުކާ | 11 ޑިސެންބަރު 2023 , ހޯމަ 09:48   547

ނައިޖީރިއާގެ އުތުރުގެ ސްޓޭޓެއް ކަމަށްވާ ކާނޯގައި ޑޮކްޓަރުންނާއި ސިއްހީ ހިދުމަތްތެރިންނަށް މިފަހަކަށް އައިސް ފެތުރެމުންދާ ޑިޕްތެރިއާގެ އެންމެ ނުރައްކާތެރި ބަލިމަޑުކަމާ ކުރިމަތިލާން ޖެހިއްޖެ އެވެ.

މިދިޔަ އަހަރުގެ މެއި މަހުން ފެށިގެން އެ ގައުމުން ކޭސްތައް ފެންނަން ފެށި ނަމަވެސް، ފާއިތުވި މަސްތަކުގައި ބަލި ފެތުރެމުން ދަނީ ކަންބޮޑުވާ މިންވަރަކަށް ކަމަށް ސިއްހީ އޮފިޝަލުން ބުނެ އެވެ. މި ބެކްޓީރިއަލް ބަލި ކޮންޓްރޯލް ކުރުމަށް ލޯކަލް، ފެޑެރަލް އަދި ބައިނަލްއަގްވާމީ ޖަމިއްޔާތަކުން ގިނަ މަސައްކަތްތަކެއް ކޮށްފައިވާއިރު ނައިޖީރިއާއިން މިހާތަނަށް 17،000 މީހުން ވަނީ ބައްޔަށް ޝައްކު ކޮށްފައެވެ.

ކަންބޮޑުވާންޖެހޭ ކަމަކީ ހުޅަނގު އެފްރިކާގެ އެހެން ގައުމުތައް ކަމަށްވާ ނައިޖާ އެންޑް ގިނީ އާއި މެޑެސިންސް ސެން ފްރޮންޓިއާސް އަށް ވެސް މި ބަލި ފެތުރިފައިވާކަމެވެ.

(އެމްއެސްއެފް) އިން ބުނާ ގޮތުގައި ކާނޯގައި މިއަހަރު މިހާތަނަށް 9،310 މީހުން ޕޮޒިޓިވްވެ 368 މީހުން ވަނީ މަރުވެފަ އެވެ. ކާނޯގެ އެމްއެސްއެފް އެންމެ ޕީކްގައި ހަފުތާއަކު 700 ކޭސް ރިޕޯޓް ކުރެ އެވެ. ސެޕްޓެމްބަރު މަހު މި ރޭޓް ދަށަށް ދިޔަ ނަމަވެސް ކޭސްތައް މަޑުމަޑުން އަނެއްކާވެސް އިތުރުވާން ފަށާފައިވާއިރު، މިހާރު ހަފުތާއަކު 500 އަށް އަރަ އެވެ.

ޑިޕްތެރިއާ އަކީ ޓިޝޫތައް މަރާލައި ނޭވާލާ ނިޒާމުގެ ސެލްތަކަށް ހަމަލާދޭ ވިހައެއް އުފައްދައި، ބަލި މީހުންންގެ ނޭވާ ލުމުގެ ނިޒާމު ބަލިކަށި ކުރާ ބެކްޓީރިއަލް ބައްޔެކެވެ. މި ވިހަ ލޭގެ ތެރެއަށް ވަދެއްޖެނަމަ ނާރުގެ ނިޒާމަށް ގެއްލުންލިބި، ބަލިން ރަނގަޅުވުމަށްފަހުވެސް ހިތާއި ކިޑްނީއަށް ގެއްލުންވުން ނުވަތަ ޕެރަލައިސިސް އަށް މަގުފަހިވާ ކަމަށް މި ބައްޔާ ބެހޭ އެމްއެސްއެފް ގެ މައުލޫމާތު ދޭ ފަރާތަކުން ބުނެއެވެ.

އެމްއެސްއެފްގެ އިމަޖެންސީ މެޑިކަލް ކޯޑިނޭޓަރުގެ ގޮތުގައި ކާނޯގައި މަސައްކަތް ކުރަމުން ދާ މި ދާއިރާގައި 20 އަހަރަށް ވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިފައިވާ ޑރ ޖުމާ ދިން އިންޓަވިއުއެއްގައި އޭނާ ބުނީ ބަލި ޖެހުނު މީހުންގެ އަދަދާއި މަރުވާ މީހުންގެ އަދަދާއި ކޮމްޕްލިކޭޝަންތަކަށް ބަލާއިރު މިފަދަ އައުޓްބްރޭކަކާ ދުވަހަކުވެސް އަދި ކުރިމަތިލާން ޖެހިފައި ނުވާ ކަމަށެވެ.

" ކޮމްޕްލިކޭޝަންތައް ހުންނަ ވަރަށް ގިނަ ބަލިތައް ހުރި ނަމަވެސް މިއީ ވަރަށް ސީރިއަސް ބައްޔެކެވެ. ބަލި މީހުން އަންނަނީ ބަނޑުގައި ލޭ، ފައިގައި ޕެރަލައިސިސް... ވަކިން ހާއްސަކޮށް ކުޑަކުދިންނާ އެކު މަރުވާ މީހުންގެ އަދަދު ގިނަ."

ޑިޕްތެރިއާ އެންޓި-ޓޮކްސިންސް (ޑީއޭޓީ) ނުލިބުމުގެ ސަބަބުން ބަލި މީހުންނަށް އެކަށީގެންވާ ގޮތެއްގައި ފަރުވާ ދިނުމުގައި މެޑިކަލް ވޯކަރުންނަށް ވަނީ ދަތިތަކެއް ކުރިމަތިވެފައި ވާ ކަމަށްވެސް އޭނާ ބުންޏެވެ.

އެމްއެސްއެފް އިން ބުނީ މިހާތަނަށް ބަލި މީހުންނަށް ފޯރުކޮށްދެވުނީ އެންމެ 5،000 ޑީއޭޓީ ޑޯޒް ކަމަށެވެ. ކޮންމެ ސީރިއަސް ކޭހަކަށް 8-10 ވައިލް ބޭނުންވާއިރު، މިއީ ބޭނުންވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދޭން ޖެހޭ މިންވަރަށް ވުރެ މާ ކުޑަ އަދަދެކެވެ.

އެމްއެސްއެފްގެ ވެސްޓް އެންޑް ސެންޓްރަލް އެފްރިކާގެ އިމަޖެންސީ މެޑިކަލް ޕްރޮގްރާމް މެނޭޖަރު ޑރ ޑަގެމްލިޑެޓް ޓެސްފޭ ވާކޫ ސީއެންއެން އަށް ވިދާޅުވީ ފަރުވާ ނުލިބި ބަލި މީހުންނަށް މަރުވުމުގެ ފުރުސަތު ގާތްގަނޑަކަށް 50 ޕަސެންޓް ކުރިމަތިވާ ކަމަށާއި، ފަރުވާ ދީފިނަމަ ފަސް ޕަސެންޓަށް ދަށްވާ ކަމަށެވެ.

ޑީއޭޓީ ޑޯޒްތަކާއި އެންޓިބަޔޮޓިކްސް އުފައްދުމަކީ ދަތި އުދަގޫ ކަމެއްގެ އިތުރުން އުފެއްދުމަށް ކުރަންޖެހޭ ޚަރަދާއި ވަގުތުވެސް ބޮޑު ވެކްސިނެކެވެ.

ޑަގެމްލިޑެޓް ވިދާޅުވާ ގޮތުގައި މި ވެކްސިންތައް އުފައްދަނީ އެންމެ ތިން ކުންފުންޏަކުން ކަމަށާއި އޭގެ ތެރެއިން ދެ ކުންފުންޏަކީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ހުއްދަ ދީފައިވާ ދެ ކުންފުންޏެއް ކަމަށެވެ. އޭނާ ވިދާޅުވީ 1500 ޑީއޭޓީ ޑޯޒްގެ އެއް ބެޗް ހަދަން އުފެއްދުންތެރިންނަށް ހަތަރު ހަފުތާ ބޭނުންވާ ކަމަށާއި ބަލި މީހުންނަށް ފަރުވާ ދިނުމަށް ޑީއޭޓީއިން އެކަނި ވެސް 350 ޔޫރޯ (370 ޑޮލަރު) ހަރަދުވާނެ ކަމަށެވެ. އޭނާ ދެކޭ ގޮތުގައި މިކަން ވީހާވެސް އަވަހަކަށް ބަދަލުވާން ޖެހެ އެވެ. "ކުރު މުއްދަތެއްގެ ތެރޭގައި އެންޓި ޓޮކްސިން އުފެއްދުމުގެ ކެޕޭސިޓީ ރަނގަޅު ކުރަން އެބަޖެހޭ. ދިގު މުއްދަތަކަށް ރިސާޗް އެންޑް ޑިވެލޮޕްމަންޓަށް އިންވެސްޓް ކުރަން ޖެހޭ،" ޑރ ޑަގެމްލިޑެޓް ވިދާޅުވި އެވެ. .

މި ބަލީގައި ވެކްސިން ޖެހުމަކީ ފަރުވާއަށް ވަރަށް މުހިންމު ދައުރެއް އަދާކުރާ ކަމެކެވެ. ބައެއް ވެކްސިން އަޕްޓޭކްގެ ސަބަބުން އިންފެކްޝަންތަކުން ރައްކާތެރިވުމަށް އެހީތެރިވެދިން ނަމަވެސް، އެޕްޓޭކް އިތުރުކުރުމަށް ގިނަ ހުރަސްތަކެއް އެބަހުއްޓެވެ. އެމްއެސްއެފް އިން ބުނި ގޮތުގައި ނޮވެމްބަރު މަހާ ހަމައަށް ކާނޯގެ ބަލި މީހުންގެ ތެރެއިން ވެކްސިންގެ ފުރިހަމަ ރައްކާތެރިކަން ލިބިފައިވަނީ އެންމެ 30 ޕަސެންޓް މީހުންނަށެވެ.

ހުޅަނގު އުތުރުގެ ސްޓޭޓެއް ކަމަށްވާ ސޮކޯޓޯގައި މި ރޭޓް ވަނީ ހަ ޕަސެންޓް ދަށުގަ އެވެ. މިކަމުގެ ސަބަބުން ޑަބްލިއުއެޗްއޯ އާއި ޔުނިސެފުން ވަނީ ނައިޖީރިއާގެ 14 ސްޓޭޓެއްގައި ވެކްސިން ކެމްޕޭނެއް ފަށައިފަ އެވެ.

ޓެގްސް: ސިއްޙަތު ބަލިމަޑުކަން ޕެންޑެމިކް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.