ބްރެޒިލްގެ ރޮކް ސޮލްޓް މައިން 18

ދުނިޔެ

ބްރެޒިލްގެ ލޮނު މައިން ފަޅައިގެން ގޮސް، މުޅިން އަޑިއަށް ހިނގައިދާނެ ކަމުގެ ބިރުބޮޑުވެއްޖެ

ދާނިޝް - އެމެރިކާ | 12 ޑިސެންބަރު 2023 , އަންގާރަ 10:01   491

ބްރެޒިލްގެ އުތުރުއިރުމަތީގެ ހިލަ ލޮނު މައިންއެއް ފަޅައިގެން ދިއުމުގެ ސަބަބުން މުޅިން އަޑިއަށް ހިނގައިދާނެ ކަމުގެ ބިރު ބޮޑުވެއްޖެ އެވެ.

ބްރެޒިލްގެ ސިވިލް ޑިފެންސް އޮތޯރިޓީން ރެކޯޑްކޮށްފައިވާ ވީޑިއޯއިން ފެންނަ ގޮތުގައި މައިން ހުންނަ މެސީއޯ ސިޓީ ކައިރީގައި އޮންނަ މުންޑައު ފަޅުގައި ފެން ބޮޑުވެފައިވާ ތަން ފެނެ އެވެ. ބަންދުކުރި މައިން ހިންގަމުން އައީ ބްރެޒިލްގެ ޕެޓްރޯކެމިކަލް ކުންފުންޏެއް ކަމަށްވާ ބްރަސްކެމް އިންނެވެ.

މި ސަރަހައްދުން ފާއިތުވި ހަތަރު އަހަރު ދުވަހުގެ ތެރޭގައި ހިލަ ލޮނު ނެގުމުގެ ސަބަބުން ލިބުނު ގެއްލުންތަކުގައި އެތައް ހާސް ރައްޔިތުންނެއް ވަނީ ގެދޮރު ގެއްލިފައި ކަމަށްވެސް އެ ގައުމުގެ މީޑިއާ ރިޕޯޓުތައް ބުނެއެވެ.

ބްރޭސްކެމް އިން ބުނީ މައިން 18 ގެ ނަމުން ނަން ދީފައިވާ މި މައިންގެ ވަށައިގެންވާ ސަރަހައްދު މޮނިޓާ ކުރާ ކެމެރާތަކުން ފަޅުގެ ފަސްގަނޑުގައި "އާދަޔާ ހިލާފު ފެނުގެ ހަރަކާތެއް" ފެނިފައިވާ ކަމަށެވެ. މެސީއޯގެ މޭޔަރު ޖޮއާއޯ ހެންރިކް ކަލްޑާސް ވިދާޅުވި ގޮތުގައި 60 މީޓަރު (200 ފޫޓު) ގެ ބޮޑު ސަރަހައްދަކަށް އަސަރުކޮށްފައިވާ ކަމަށާއި މައިން ހަމައަކަށް އެޅޭނެ ކަމަށް ބެލެވޭ ކަމަށެވެ.

ނަމަވެސް މައިންގެ މަތީގައި ހުރި ބިންގަނޑު އަޑިއަށް ދާ ސްޕީޑާ މެދު އެ ސިޓީގެ ރައްޔިތުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ރަސްމީ މިންގަނޑުތަކުން ދައްކާ ގޮތުގައި ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހުން ފެށިގެން ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ބިންގަނޑު ވަނީ ޖުމްލަ 2.35 މީޓަރު ދަށްވެފަ އެވެ. މެސީއޯގެ އޮފީސް ފޮރ ސިވިލް ޑިފެންސް އިން ނޮވެމްބަރު މަހުގެ 29 ވަނަ ދުވަހު މައިން 18 ވެއްޓުމުގެ ނުރައްކާ އެބައޮތް ކަމަށް އިންޒާރު ދިން ނަމަވެސް، ހިލަ ލޮނު ހިއްކުމުގައި އެ ސިޓީއަށް ދިމާވެފައިވާ މައްސަލަތައް މިއީ މީގެ އެތައް އަހަރެއް ކުރިންވެސް ފެންމަތި ވެފައިވާ މައްސަލަ ތަކެކެވެ.

މިގޮތުން 2018 ވަނަ އަހަރު ފަސް އަވަށެއްގެ އިމާރާތްތަކާއި މަގުތައް ފަޅައިގެން ދާން ފެށި އެވެ. އޭގެ ފަހުން ފަސް އަހަރުގެ ތެރޭގައި 14،000 އަށް ވުރެ ގިނަ އިމާރާތް ހުސްކުރަން ޖެހި، ގާތްގަނޑަކަށް 60،000 މީހުންނަށް މިކަމުގެ އަސަރުކޮށްފައި ވެއެވެ.

ހަމައެހެންމެ މީހުން ދޫކޮށްލާފައިވާ އަވަށްތައް ވަނީ ގޯސްޓް ޓައުންތަކަށް ބަދަލުވެފަ އެވެ.

މި ގެއްލުމުގެ ސަބަބު ކަމަށް އެންމެ ފުރަތަމަ ބުނެފައިވަނީ ބޯކޮށް ވާރޭވެހި ބިންހެލުމުގެ އަސަރުން ކަމުގައެވެ. ނަމަވެސް 2020 ވަނަ އަހަރުގެ ފެޑެރަލް ދިރާސާއަކުން އެނގުނު ގޮތުގައި ބިންގަނޑު ފަޅައިގެން ދިއުމާއި ބިންގަނޑު ހަލާކުވާން މެދުވެރިވީ ބްރަސްކެމް އިން ހިލަ ލޮނު ހިއްކުމުގެ ސަބަބުންނެވެ.

ޒަމާނުއްސުރެ ބްރެޒިލްގެ ޕެޓްރޯކެމިކަލް ކުންފުނިން ވަނީ އެ ސަރަހައްދުގައި އެތައް މައިންތަކެއް ހިންގަމުންނެވެ.

ޕީވީސީ އުފެއްދުމުގައި ރޯ މެޓީރިއަލްއެއްގެ ގޮތުގައި ބޭނުންކުރާ ރޮކް ސޯލްޓް ނަގަނީ އަޑީގައި ހުންނަ ޑީޕް އަންޑަގްރައުންޑް ޑިޕޮސިޓްތަކުންނެވެ. އަދި ބާކީވާ ހޮޅިތަކުގެ ސަބަބުން މަތީގައި ވާ ފަސްގަނޑު އަޑިއަށް ދިއުމުގެ ފުރުސަތު ވަރަށް ބޮޑެވެ.

ބްރެޒިލްގެ ޖިއޮލޮޖިކަލް ސާވިސްގެ ތަޖުރިބާކާރުން ކުރި ދިރާސާގެ ހޯދުންތަކާ މެދު ބްރަސްކެމް އިން ދަނީ ދެބަސްވަމުންނެވެ. އެހެން ނަމަވެސް، 2019 ވަނަ އަހަރު އެ ކުންފުނިން މެސީއޯގައި ހުރި މައިންތައް ބަންދުކޮށް، މި އަހަރުގެ ކުރީކޮޅު އެ ސިޓީއާ އެކު 1.7 ބިލިއަން ރިއާ (343 މިލިއަން ޑޮލަރު؛ 273 މިލިއަން ޕައުންޑް) ގެ އަގުހުރި އެއްބަސްވުމަކަށް އާދެވުނީ ބިން ހިއްކުމަށާއި، ބަދަލުކުރުމުގެ ގެއްލުމުގެ ބަދަލު ގެނައުމަށެވެ.

މައިން 18 މުޅިން އަޑިއަށް ހިނގައިދާނެ ކަމުގެ އިންޒާރު ދިނުމާ ގުޅިގެން މުނިސިޕަލް އޮތޯރިޓީން ވަނީ "އާ ގެއްލުމުގެ ބަދަލުތައް" ހިމެނުމަށް އެ ކުންފުންޏާ އެކު ބަދަލުގެ އާ އެއްބަސްވުމެއް އެކުލަވާލުމަށް އެދިފަ އެވެ.

ޓެގްސް: ބްރެޒިލް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.