ރެސިޕީ ތައްޔާރުކުރަން ބޭނުންވާ ތަކެތި ހުންނަންވާނީ ރޫމް ޓެމްޕެރޭޗަރގަ

ދުނިޔެ

ބަދިގެ: ފިހެލުމުގެ ފަންނަށް މޭސްތިރިވުމަށް 5 "ޓިޕްސް"

ހުސެން ހަމްދާން - ދުނިޔެ | 7 ޖެނުއަރީ 2024 , އާދީއްތަ 11:57   446

ތަޖުރިބާކާރު ބޭކަރެއް ކަމުގައި ވިޔަސް ނުވަތަ ފުށާއި ހަކުރު އަދި ބަޓަރުގެ ދުނިޔެއަށް އަލަށް އަންނަ މީހަކު ކަމުގައި ވިޔަސް، "ބެކިން ހުނަރު" ހޯދުމަށް ކޮންމެހެން ބޭނުންވާ އިރުޝާދުތަކެއްވެއެވެ.

ތިރީގައި މިގެނެސްދެނީ މާސްޓަރޝެފް ޕަންކަޖް ބަޑޫރިއާގެ "ފޫލްޕްރޫފް ބޭކިން ޓިޕްސް" ތަކުގެތެރެއިން ބައެއް ޓިޕްސްތަކެކެވެ. މިއީ ކޭކާއި ޕޭސްޓްރީ ފަދަތަކެތި ފިހެލުމުގައި ކާމިޔާބު ހޯދުމަށް މަގުފަހިކޮށްދޭނޭ ފަސްކަމެކެވެ.

(1) ރެސިޕީ ތައްޔާރުކުރަން ބޭނުންވާ ތަކެތި ހުންނަންވާނީ ރޫމް ޓެމްޕެރޭޗަރގައެވެ.

ބިސް، ބަޓަރ، އަދި ޑެއިރީ ފަދަ ތަކެތި ބޭނުންކުރުމުގެ ކުރިން ކޮޓަރީގެ ފިނިހޫނުމިނަށް ގެނައުމަކީ އޭގެ ނަތީޖާއަށް ބޮޑު ތަފާތެއް ގެނެސްދޭނެ ކަމެކެވެ. ކޮޓަރީގެ ފިނިހޫނުމިނުގައި ހުންނަ ތަކެތި ފަސޭހައިން ބޮންޑްވެ، އޮމާން ބެޓަރ އެއް ތައްޔާރުކޮށްލުމަށް އެހީތެރިވެދެއެވެ. ފިނި ތަކެތި ބޭނުންކުރުމުން އެތަކެތި ރަނގަޅަށް އެކަތިއަނެކައްޗަށް އެއްނުވުމުގެ ސަބަބުން ފިހެފައިވާ ތަކެތީގެ ޓެކްސްޗަރ އެއް މިނެއްގައި ނުހިފެހެއްޓެއެވެ.

(2) ބޭނުންވާ ތަކެތި ބަރާބަރަށް މިނެ ކިރާށެވެ.

ބޭކިންގ ގެ އެއް އުސޫލަކީ ތަކެތި ސަރީހަކޮށް މިންކުރުމެވެ. މިނަން ބޭނުންކުރާ ތަށިތަކާއި ސަމުސާތަކުގެ ރަނގަޅު ސެޓެއް ހޯދައި ރެސިޕީ އާއެއްގޮތަށް އަމަލުކުރާށެވެ. ފިހެލުމަކީ ސައިންސެއް ކަމަށްވާއިރު، ތަކެތީގެ މިންވަރަށް ކުޑަ ތަފާތެއް އައުމުން ވެސް ފައިނަލް ޕްރޮޑަކްޓްގެ ޓެކްސްޗާ އާއި ރަހައަށް އަސަރު ކުރާނެކަންކަށަވަރެވެ. ހިކިތަކެތި މިނާ އިރު މިޔަ ސީދަލަށް ހުންނަ ވަޅިއެއްފަދައެއްޗަކުން މަތި އެއްވަރުކުރުން މުހިއްމެވެ.

(3) ބޭނުންކުރުމުގެ ކުރިން އަވަން ހޫނުކޮށްލާށެވެ.

އަވަން ކުރިން ހޫނުކުރުމަކީ ފިހެލުމުގެ މަރުހަލާގައި ވަރަށް މުހިންމު ފިޔަވަޅެކެވެ. އޭގެ ސަބަބުން ބެޓަރ ނުވަތަ ފުށް އަވަނަށް ލުމުގެ ކުރިން، ބޭނުންވާ ފިނިހޫނުމިނަށް ވާސިލްވާކަން ކަށަވަރުކުރެވި، ރެސިޕީގައި ބަޔާންކޮށްފައިވާ ވަގުތަށް ފިހެ ނިމުމަށް އެހީތެރިވެއެވެ. ޕްރީހީޓް ނުކޮށް ފިހާ ކޭކުފަދަތަކެތި އެކިފަރާތުން އެކިވަރަށް އުފުލުން ފަދަ ކަންކަން ދިމާވާނެއެވެ.

(4) ފިހުމަށް ބޭނުންކުރާ ޓްރޭ/ޕޭން ކުރިން ތައްޔާރު ކުރާށެވެ.

ބެކިންގ ޕޭން ރަނގަޅަށް ތައްޔާރުކުރުމަކީ ފިހެފައިވާ ތަކެތި ޓްރޭގައި ތަތްވުމުން ދުރުކޮށްދޭ ކަމެކެވެ. ރަނގަޅަށް ތައްޔާރުކޮށްފައިވާ ތަވައެއްގައި އެއްމިނަކަށް ފިހެލުން ކަށަވަރުކުރެވެއެވެ. އެކި ރެސިޕީތަކުގައި ޓްރޭ ތައްޔާރުކުރުމަށްއެކިގޮތް ބަޔާންކޮށްދެއެވެ. މިސާލާކަށް ގްރީސްކުރުން، ފުށްކުރުން، ނުވަތަ ޕާޗްމަންޓް ޕޭޕަރު ބޭނުންކުރުމެވެ.

(5) މާބޮޑަށް މިކްސް ކުރުމުން ދުރުހެލިވާށެވެ.

ބަޓަރ ނުވަތަ ފުށް މާގިނައިން މިކްސް ކުރުމުގެ ސަބަބުން ފިހާ ތަކެތި މާބޮޑަށް ހަރުވުން ނުވަތަ އެކިތަންތަނުން އެކި މިންވަރަށް ފިހެވެން ދިމާވެއެވެ. އަބަދުވެސް ތެތް އަދި ހިކި ތަކެތި އެއްކޮށް ނިމުމުން، މިކްސްކުރުން ހުއްޓާލާށެވެ. އޯވަރމިކްސް ކުރުމުން ފުށުގައި ހުންނަ ގްލޫޓެން އެކްޓިވޭޓްވެ، ބޭނުންވާ ޓެކްސްޗަރ ގެނައުމަށް ދަތިވެއެވެ. ކޭކު ފަދަ ފިހާތަކެތީގެ ނާޒުކު ސްޓްރަކްޗަރ ދެމެހެއްޓުމަށްޓަކައި އެތަކެތި ހަމައެކަނި އެއްވެގެންދާ ވަރަށް މިކްސް ކުރުން މުހިއްމެވެ.

މިފަސްކަމަށް ބަލައިގެން ތައްޔާރުކުރާ ރެސިޕީ އަކުން ތައްޔާރުކުރެވޭ ތަކެއްޗަކީ އެންމެ ފުރިހަމަ ރަހާއި ޓެކްސްޗަރ ހުންނަ ތަކެއްޗަށް ވެގެން ދާނެއެވެ.

ޓެގްސް: ކެއްކުން/ ބަދިގެ ޕޭސްޓްރީ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.