ބަލިމީހުން ބޭރަށް ފޮނުވުމުގެ ބަދަލުގައި ރާއްޖެއިން ފެންވަރު ރަނގަޅު ފަރުވާލިބޭނެ އިންތިޒާމުތައް ހަމަޖައްސަންޖެހޭކަމަށް ބައިނަލްޢަޤްވަމީ އިދާރާތަކުން ވެސް ލަފާދީފައިވޭ

ދުނިޔެ

ތައިލޭންޑާއި ޔޫއޭއީ އިން އާސަންދަ ދޭން ފެށުމުން އާސަންދަ ބަޖެޓް ތިންގުނަ، މޮޅު ޑޮކްޓަރަކު މިތަނަކަށް ގެނައުމެއް ނެތް!

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 18 ޖެނުއަރީ 2024 , ބުރާސްފަތި 09:29   938

ދިވެހިރާއްޖޭގައި ދެވޭ ސިއްޙީ ޚިދުމަތްަކުގެ ފެންވަރު ރަނގަޅުކުރުމުގެ ބަދަލުގައި، ތައިލޭންޑާއި ޔޫއޭއީ އިން އާސަންދަ ދޭން ފެށުމުން ތިންގުނަ ޚަރަދުބޮޑުވާނެކަމަށް ކަމާއިގުޅޭ ފަންނީ ތަޖްރިބާކާރުން ލާފަކޮށްފިއެވެ.

މިދިޔަ އަހަރުގެ ބަޖެޓު ވެސް އަހަރުގެ ފުރަތަމަ ކުއާޓަރ ނިމުނުއިރު ދެބައިކުޅައެއްބައި ހުސްވެފައިވާއިރު، ފަހުން ސަޕްލިމެންޓްރީ ބަޖެޓްގެ ގޮތުގައި އިތުރަށް ފައިސާ ބޭނުންކޮށްފައިވެއެވެ.

2023 ވަނަ އަހަރު ފުރަތަމަ ބަޖެޓްގެ ގޮތުގައި ކަނޑައެޅުނީ 2.3 ބިލިއަން ރުފިޔާއެވެ. މާޗް މަސް ނިމުނުއިރު 1.2 ބިލިއަން ރުފިޔާ ހުސްވެފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

މަހެއްގެ މައްޗައް އެވްރެޖްކޮށް 250 މިލިއަން ރުފިޔާ ދައުލަތުން އާސަންދައަށް އަންނަނީ ކުރަމުންނެވެ. ނިމިދިޔަ ޑިސެމްބަރު މަހު އެކަނިވެސް ގާތްގަނޑަކަށް 300 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާކަމަށް ރިކޯޑްތައް ދައްކައެވެ.

ސަރުކާރުގެ މިހާރުގެ ސިޔާސަތަކީ އަވަށްޓެރި އިންޑިއާއިން ބޭސްފަރުވާގެ ހުރިހާކަމެއް ދޫކޮށްލައި، ތައިލެންޑާއި ދުބާޢީ އިން ދިވެހިންނަށް އާސަންދައިގެ ދަށުން ބޭސްފަރުވާގެ ޚިދުމަތްލިބޭނެގޮތް ހެދުމާއި، ބޭހުގެ ބާވަތްތައް އިންޑިއާއިން އެތެރެކުރުން ހުއްޓާލައި ޔޫރަޕުން ބޭސް އެތެރެކުރަން ފެށުމެވެ.

މިހާތަނަށް އައިއިރު ސަރުކާރުން މިކަންކުރާނެ ގޮތުގެ ތަފްޞީލްތައް ހާމަކޮށްފައިނުވެއެވެ. ރާއްޖެއަށް ބޭސް އެތެރެކުރާ ފަރާތްތަކާއި މަޝްވަރާކުރެވުނީ ކިހާވަރަކަށްތޯ އާއި އެހެން ޤައުމުތަކުން އާސަންދަ ދޭންފެށުމުން ދައުލަތުގެ މާލިއްޔަތަށް ކުރާނެ އަސަރުތަކާއި ގުޅޭ ފޯކާސްޓްހަދައި ދިރާސާކޮށްފައިވާކަން ވެސް ސާފުނުވެއެވެ.

ރާއްޖެއަށް ނިމިދިޔަ އަހަރު ޢާމްދަނީގެ ގޮތުގައި ލިބިފައިވަނީ ޖުމްލަ 32 ބިލިއަން ދިވެހި ރުފިޔާއެވެ.

އިޤްތިޞާދީ މާހިރުން ލަފާކުރައްވާގޮތުގައި، ސަރުކާރުން ގެންނަން މަސައްކަތްކުރާ ބަދަލުތަކާއިއެކު އާސަންދައިގެ ޚަރަތައް އެކަނިވެސް ތިންގުނަ ބޮޑުވެ، 7 ބިލިއަން ދިވެހި ރުފިޔާއަށް އަރާނެއެވެ. އެއީ މުޅި ޤައުމަށް ލިބޭ ޢާމްދަނީގެ 21 އިންސައްތަ އަށްވުރެ ގިނަ ފައިސާއެވެ.

މި ކަމާއި ގުޅޭގޮތުން އާސަންދަ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު ވެސް މީގެ ކުރިން ކަންބޮޑުވުން ފާޅުކުރައްވައި ޚަރަދުތައް އިންތިހާއަށް އަށް ބޮޑުވެގެންދާނެކަމަށް ވިދާޅުވިނަމަވެސް، ސަރުކާރުގެ ފިއްތުންތަކާއިއެކު އެވާހަކަތައް އަނބުރާ ގެންދަވާފައިވެއެވެ.

މިގޮތަށް ފައިސާތައް ސަބްސިޑީގެ ގޮތުގައި ޚަދަރުކުރުމަކީ ދެމެހެއްޓެނިވި ތަރައްޤީގެ އުސޫލްތަކާއި ޚިލާފްކަމެއްކަމަށް ތަފާތު އެކި ފަހަރު މަތިން ބޭރުގެ ބައިނަލްޢަޤްވާމީ އިދާރާތައްކަމުގައިވާ ވޯލްޑް ބޭންކާއި އައިއެމްއެފް އިން ވެސް ދިވެހި ސަރުކާރަށް ލަފާދީފައިވެއެވެ.

ޤައުމެއްގެ މާލިއްޔަތުން ހޭދަކުރަންޖެހޭނީ، ރައްޔިތުންނަށް އެންމެ މަންފާކުރާނެ ގޮތަކަށް، އަސާސީ ހުރިހާކަމަކަށް ހަމަހަމަ އުސޫލުން ކަންކަން ފަހިވެގެންދާނެ ގޮތަށެވެ. އެއްކަމަކަށް ހުރިހާ ފައިސާއެއް ޚަރަދުކުރުމަކީ، ދެމެހެއްޓެނިވި ތަރައްޤީއަށް ހުރަސް އެޅޭނެކަމެއްކަން އެންމެނަށް ވެސް އެނގެއެވެ.

ސަރުކާރުކާރުތަކުން ކުރަންޖެހެނީ ރައްޔިތުން އެދޭކަންކަމަށްވުރެ ބޮޑަށް، ރައްޔިތުންނަށް ބޭނުންވާނެކަންކަމަށް ބަލައިގެންނެވެ. ތަރައްޤީގެ ތަޞައްވުރެއްގައި މަސައްކަތްކުރާ ދުރު ވިސްނޭ ލީޑަރުންނަކީ އެއީއެވެ.

ދިވެހިންނަށް ބޭނުންވަނީ ހަމައެކަނި ބޭސްފަރުވާއެއް ނޫނެވެ. ބޯހިޔާވަހިކަން ވެސް ބޭނުންވެއެވެ. ފެންވަރު ރަނގަޅު ތަޢުލީމާއި، ރަނގަޅު ފައިދާހުރި ކާނާއާއި، އަގުހެޔޮ ރަނގަޅު ދަތުރުފަތުރުގެ ނިޒާމުތައް ވެސް ބޭނުންވެއެވެ.

ރާއްޖޭގައި ފޯރުކޮށްދޭ ސިޢްޙީ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރަން ސަރުކާރުތަކުން މަސައްކަތް ނުކުރެއެވެ. ޢިމާރާތެއް އެޅިޔަސް ފެންވަރު ރަނގަޅު ޑޮކްޓަރުން ނުގެނެއެވެ. ބޭރު ޤައުމުތަކުގައި ތިބޭ އަގު ބޮޑު ޑޮކްޓަރުންނަށް ބޮޑު އަގު ދީފައި ގޮސް ދައްކަން އޯކޭއެވެ. ނަމަވެސް އެއިން މީހަކު މިތަކަނަކަށް ގެންނަން ވިސްނުމުގައި ނެތެވެ.

ކޮންމެ ކަމެއް ވެސް މިކުރަނީ ސިޔާސީ މަޤސަދަކަށޭ ހީވާކަހަލައެވެ.

ޓެގްސް: އާސަންދަ އިޖްތިމާޢީ ރައްކާތެރިކަން
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.