ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން

ދުނިޔެ

ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާންގެ މައްޗަށް 10 އަހަރުގެ ޖަލު ހުކުމެއް އިއްވައިފި

ދާނިޝް - އޭޝިއާ | 31 ޖެނުއަރީ 2024 , ބުދަ 08:19   340

ޕާކިސްތާނުގެ ކުރީގެ ލީޑަރު އިމްރާން ޚާން ދައުލަތުގެ ސިއްރުތައް ލީކުކުރި މައްސަލައިގައި 10 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ކަމަށް އޭނާގެ ސިޔާސީ ޕާޓީ ޕާކިސްތާން ތަހްރީކް އިންސާފް (ޕީޓީއައި) އިން ނެރުނު ބަޔާނަކުން ބުނެފިއެވެ.

ރާވަލްޕިންޑީގެ އަޑިއާލާ ޖަލުގައި ރަސްމީ ސިއްރުތަކާ ބެހޭ ގާނޫނުގެ ދަށުން ގާއިމުކޮށްފައިވާ ބަންދު ކޯޓެއްގައި މިއަދު ބޭއްވި އަޑުއެހުމުގައި އިމްރާނާއި ކުރީގެ ފޮރިން މިނިސްޓަރު ޝާހް މަހްމޫދު ގުރައިޝީ ވަނީ ކޮރަޕްޝަންގެ ކުށް ސާބިތުވެ ޖަލުގައި ބަންދުކުރަން ހުކުމް ކޮށްފައެވެ.

ޕީޓީއައި އިން ނެރުނު ބަޔާނުގައި ބުނެފައިވަނީ "ސައިފަރ މައްސަލައިގައި އެދެ މީހުންގެ މައްޗަށް 10 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ކަމަށާއި" އެ މީހުންގެ ގާނޫނީ ޓީމުން "މި ނިންމުމަށް މަތީ ކޯޓެއްގައި ޗެލެންޖް ކުރާނެ" ކަމަށާއި އެ ހުކުމްތައް ސަސްޕެންޑް ކުރެވޭނެ ކަމަށް އުއްމީދު ކުރާ ކަމަށެވެ.

އިމްރާންގެ މައްޗަށް މި އިއްވި ހުކުމަކީ، "ސައިފަރ ކޭސް" ގެ ނަމުން މަޝްހޫރުވެފައިވާ މައްސަލާގައި، އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ އޮފިޝަލަކާ އެކު ބޭއްވި ބައްދަލުވުމެއްގެ މައްޗަށް ބިނާކޮށް ޕާކިސްތާނުގެ ޑިޕްލޮމެޓަކު ލިޔެފައިވާ އެންކްރިޕްޓެޑް ޑިޕްލޮމެޓިކް ކޭބަލެއް 2022 ވަނަ އަހަރުގެ މާޗް މަހު ލީކުކޮށްލި ކަމުގެ ތުހުމަތު އިމްރާންގެ މައްޗަށް އުފުލުމާއި ގުޅިގެންނެވެ.

މި މައްސަލާގައި އިމްރާން ވިދާޅުވީ 2022 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުގެ އިތުބާރު ނެތްކަމުގެ ވޯޓުގައި އޭނާ މަގާމުން ދުރުކުރުމަކީ ވެރިކަމުން ދުރުކުރުމުގެ ރޭވުމެއްކަން އެ ލިޔުމުން ސާބިތުވާ ކަމަށެވެ.

ޕާކިސްތާނުގެ އޮފިޝަލުން އެގައުމުގެ އަސްކަރިއްޔާއާއި އެމެރިކާއާ ގުޅިގެން އޭނާ މަގާމުން ދުރުކުރުމަށް ރޭވި ކަމަށް ކުރީގެ ބޮޑުވަޒީރު ތަކުރާރުކޮށް މީގެ ކުރިން ވަނީ ތުހުމަތު ކުރައްވާފައެވެ. ނަމަވެސް އިމްރާންގެ ތުހުމަތުތައް ހުރިހާ ޕާޓީއަކުން ވެސް ދޮގުކުރެ އެވެ.

މި ހުކުން އިއްވުމުގެ ކުރިންވެސް އިމްރާންގެ މައްޗަށް ކޮރަޕްޝަންގެ ކުށް ސާބިތުވެ ތިން އަހަރުގެ ޖަލު ހުކުމެއް އިއްވުމާ ގުޅިގެން މިދިޔަ އޮގަސްޓް މަހުން ފެށިގެން އިމްރާން ހުންނެވީ ޖަލުގަ އެވެ. އިމްރާން ވިދާޅުވީ އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާތަކަކީ ސިޔާސީ މަގްސަދެއްގައި އުފުލާފައިވާ ދައުވާތަކެއް ކަމަށެވެ.

މީގެ އިތުރުން ޕާކިސްތާނުގެ ޓީވީ ސްޓޭޝަންތަކުން އިމްރާންގެ ތަގުރީރުތައް ބްރޮޑްކާސްޓް ކުރުން މަނާކޮށްފައިވާއިރު، އޭނާގެ ޕީޓީއައި ޕާޓީގެ ގިނަ ބައިވެރިންތަކެއް ވެސް ވަނީ ހައްޔަރުކޮށްފަ އެވެ.

ޓެގްސް: ޕާކިސްތާން
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.