އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް

ދުނިޔެ

އެމެރިކާ: ފެޑެރަލް އިންތިހާބަށް ނުފޫޒު ފޯރުވި މައްސަލާގައި ޓްރަމްޕްގެ އިސްތިއުނާފު ކޯޓުން ބޭރުކޮށްލައިފި

ދާނިޝް - އެމެރިކާ | 7 ފެބުރުއަރީ 2024 , ބުދަ 08:57   385

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގެ ފެޑެރަލް އިންތިހާބަށް ނުފޫޒު ފޯރުވުމުގެ މައްސަލައާ ގުޅިގެން ރިޔާސީ އިމްތިޔާޒެއް އޮތް ކަމަށް ޓްރަމްޕް ހުށަހެޅި މައްސަލަ އެމެރިކާގެ ކޯޓް އޮފް އެޕީލްސްގެ ތިން ފަނޑިޔާރުންގެ ޕެނަލަކުން ބޭރުކޮށްލައިފި އެވެ.

"މި ޖިނާއީ މައްސަލައިގެ ބޭނުމަށްޓަކައި، ކުރީގެ ރައީސް ޓްރަމްޕް، އެހެން ޖިނާއީ ދައުވާ ލިބޭ ފަރާތެއްގެ ހުރިހާ ދިފާއުއަކާ އެކު، ރައްޔިތަކަށް ޓްރަމްޕް ވެއްޖެ،" ފަނޑިޔާރުންގެ 57 ސޮފްހާގެ ނިންމުމުގައި ލިޔުއްވާފައި ވަނީ "ފެޑެރަލް ޖިނާއީ ގާނޫނާ ހިލާފުވުމުގެ ގާނޫނީ އިޚްތިޔާރީ ބާރެއް ކުރީގެ ރައީސް ޓްރަމްޕަށް ނެތް ކަމަށާއި، އޭނާއަކީ، އޭނާގެ އަމަލުތަކަށް ޓަކައި ކޯޓުގައި ޖަވާބުދާރީވެވަޑައިގަންނަވާ ބޭފުޅެއް" ކަމަށެވެ.

ކުރީގެ ރައީސުންގެ މައްޗަށް އުފުލާފައިވާ ފެޑެރަލް ޖިނާއީ ދައުވާތަކުގެ ދިފާއުގައި އަދި ވަކިން ހާއްސަކޮށް މި މައްސަލައަށް އަމަލުކުރާ ގޮތުގެ މަތިން އިމިއުނިޓީ ހޯދުމުގެ ފުރުސަތު އޮތް ތިން އަސާސް ވެސް ބަލައިނުގަންނަ ކަމަށް އެ ހުކުމުގައިވެ އެވެ.

"އެގްޒެކެޓިވް ބާރުގެ އެންމެ އަސާސީ ޗެކް ކަމަށްވާ އިންތިހާބީ ނަތީޖާ ބަލައިގަތުމާއި ތަންފީޒު ކުރުން ފަދަ ޖަރީމާތައް ހިންގުމުގެ ބާރު ރައީސަކަށް އޮންނާނެ ކަމަށް ކުރީގެ ރައީސް ޓްރަމްޕް ވިދާޅުވާ ވިދާޅުވުން އަޅުގަނޑުމެންނަކަށް ގަބޫލެއް ނުކުރެވޭނެ،" ފަނޑިޔާރުން ލިޔުއްވާފައިވެ އެވެ. އަދި "އެގްޒެކެޓިވްގެ އަތުގައި ކާޓެ ބްލޭންޗް އެބަހުރި ކަމަށް ވިދާޅުވެ، ވަކިވަކި ރައްޔިތުންގެ ވޯޓުލުމުގެ ހައްގަށް އަރައިގަތުމަށާއި، އެ މީހުންގެ ވޯޓު ގުނުމަށް އޭނާ ދައްކަވާ ވާހަކަތައް ވެސް އަޅުގަނޑުމެންނަކަށް ގަބޫލެއް ނުކުރެވޭނެ އެވެ".

"އެންމެ ތިރީގައި، ކުރީގެ ރައީސް ޓްރަމްޕްގެ މި ސްޓޭންޑަކީ ތިން ގޮފިން ބޭރުން ރައީސް ބަހައްޓައިގެން އަޅުގަނޑުމެންގެ ވަކިވެފައިވާ ބާރުތަކުގެ ނިޒާމު ފުނޑުފުނޑުކޮށްލާނެ ކަމެއް،" އެ ބޭފުޅުން ލިޔުއްވާފައިވެ އެވެ.

މި ހުކުމަށް ރައްދު ދެއްވަމުން ޓްރަމްޕްގެ ތަރުޖަމާނު ސްޓީވެން ޗޫންގް ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ ޑީސީ ސާކިޓްގެ ނިންމުމާ ރައީސް ޓްރަމްޕް އިހުތިރާމާއެކު ދެކޮޅު ހައްދަވާ ކަމަށާއި ރައީސް ކަމާއި ގާނޫނު އަސާސީ ހިމާޔަތް ކުރުމުގެ ގޮތުން އެ ނިންމުން އިސްތިއުނާފު ކުރައްވާނެ ކަމަށެވެ.

"ރައީސަކަށް އިމިއުނިޓީ ނުދެވިއްޖެނަމަ، މުސްތަގުބަލުގައި މަގާމުން ވަކިވާ ކޮންމެ ރައީސެއްގެ މައްޗަށް އިދިކޮޅު ފަރާތަކުން ވަގުތުން ދައުވާ ކުރާނެ،" ޗޫންގެ ބަޔާނުގައިވެ އެވެ.

ސްޕެޝަލް ކައުންސެލް ޖެކް ސްމިތުގެ ތަރުޖަމާނަކު ވަނީ މި ހުކުމާ ބެހޭ ގޮތުން އެއްޗެއް ވިދާޅުވާން ދެކޮޅު ހައްދަވައިފަ އެވެ.

ދިފާއީ ބާރުލިބިގެން މައްސަލަ ބޭރުކޮށްލުމަށް ޓްރަމްޕް ކުރެއްވި މަސައްކަތާ ގުޅޭ ގޮތުން އިސްތިއުނާފް ފަނޑިޔާރުންގެ އަޑުއެހުންތައް މިދިޔަ ޖެނުއަރީ މަހުގެ ކުރީކޮޅު ވަނީ ކުރިއަށް ގެންގޮސްފަ އެވެ.

އިސްތިއުނާފް ކޯޓުގެ ނިންމުމަށް ގާތްގަނޑަކަށް މަހެއްހާ ދުވަސް ވަންދެން އިންތިޒާރު ކުރުމަށް ފަހު މިދިޔަ ހަފުތާގައި އެމެރިކާގެ ޑިސްޓްރިކްޓް ގާޒީ ތާނިޔާ ޗުޓްކަން ވަނީ ޓްރަމްޕްގެ ޝަރީއަތް ފެށުމަށް މާޗް މަހުގެ ހަތަރު ވަނަ ދުވަސް ފާސްކޮށްފަ އެވެ.

2020 ވަނަ އަހަރުގެ އިންތިޚާބުގެ ނަތީޖާ ބާތިލްކުރުމަށް "ޖިނާއީ ސްކީމެއް" ހިންގުމުގެ ކުށަށް މިދިޔަ އޮގަސްޓް މަހު އިއުތިރާފުވެވަޑައިގެންނެވި ޓްރަމްޕް އެ މައްސަލަ ބާތިލްކުރުމަށް އެދިވަޑައިގެންނެވީ ގައުމުގެ އެންމެ މަތީ މަގާމުގައި ހުންނެވި އިރު އެޅުއްވި ފިޔަވަޅުތަކުގެ ސަބަބުން ދައުވާއިން "ފުރިހަމަ އިމިއުނިޓީ" ލިބިވަޑައިގެންފައިވާ ކަމަށް ބުނެ އެވެ.

ޖެނުއަރީ މަހުގެ ނުވަ ވަނަ ދުވަހު ބޭއްވި އަޑުއެހުމުގައި އަމިއްލަފުޅަށް ބައިވެރިވެވަޑައިގެންނެވި ކުރީގެ ރައީސް ވަނީ ހުރިހާ ގޯސްތަކެއް ދޮގުކުރައްވައި އިންތިހާބަށް ނުފޫޒު ފޯރުވުމުގެ ދައުވާ އަކީ "ސިޔާސީ ވާދަވެރިއަކަށް ކުރާ އަނިޔާއެއް" ކަމަށް ވިދާޅުވެ އެކަން ކުށްވެރި ކުރައްވައިފަ އެވެ.

އިސްތިއުނާފް ކޯޓުން މި މައްސަލަ ބެލީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ސުޕްރީމް ކޯޓުން ޓްރަމްޕްގެ ދިފާއީ ބާރު ގެއްލޭ ކަމަށް ބުނާ ވާހަކަތައް ވަގުތުން ބަލައިގަތުމަށް ހާއްސަ ވަކީލުން އެދުމުން، ހުކުމުގެ ކުރިން ސެޓިއޯރާރީގެ ރިޓެއް ދިނުމަށް ދެކޮޅު ހެދުމުންނެވެ.

ސްމިތު ވަނީ އެމެރިކާގެ ކުރީގެ ރައީސަކަށް މަގާމުގައި ހުންނަވަނިކޮށް އެޅި ފިޔަވަޅެއްގެ ތުހުމަތުގައި ދައުވާ ކުރެވިދާނެތޯ އެމެރިކާގެ ތާރީހުގައި ވެސް ފުރަތަމަ ފަހަރަށް ކަނޑައެޅިދާނެ ތާރީހީ ނިންމުމެއް ކަމަށް ބުނެ ސުޕްރީމް ކޯޓުގައި ފިޔަވަޅު އަޅައި އަވަހަށް ހުކުމް ކުރުމަށް އެދިފަ އެވެ.

އިސްތިއުނާފު ފަނޑިޔާރުންގެ ނިންމުމުގައި ޓްރަމްޕަށް ފެބްރުއަރީ މަހުގެ 12 ވަނަ ދުވަހާ ހަމައަށް ފުރުސަތު ދެއްވީ އިސްތިއުނާފު ކޯޓުގެ ހުކުމް މަޑުޖައްސާލައި ކުއްލި ހާލަތެއްގައި އެ މައްސަލަ ސުޕްރީމް ކޯޓުގައި ކުރިއަށް ގެންދިއުމަށް އެދުމަށެވެ. ނަމަވެސް އެފަދަ ކަމަކަށް ސުޕްރީމް ކޯޓުން ޖަވާބުދޭނެ ދުވަހެއް އަދި ސާފެއް ނުވެ އެވެ.

އަދި މި މައްސަލަ އަލުން ބެލުމަށް ފުލް ޑީސީ ސާކިޓް ކޯޓުގައި ޓްރަމްޕަށް ވެސް ދެންނެވިދާނެ ކަމަށާއި ނަމަވެސް ވަކިން އެދުމުން މައްސަލަ ބެލުމަށް ފުލް ކޯޓުން އެއްބަސްވެގެން ނޫނީ އެ މައްސަލަ އަނބުރާ ގާޒީ ޗުޓްކަންގެ ޝަރީއަތުގެ ކޯޓަށް ފޮނުވުމަށް ހުރަހެއް ނާންނާނެ ކަމަށް އެމެރިކާގެ މީޑިއާ ތަކުން މައުލޫމާތު ދެއެވެ.

ޓެގްސް: ޑޮނަލްޑް ޓްރަމްޕް އެމެރިކާ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.