ގުދުސްގެ ބޭރުގައި އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރީގައި ގަވައިދާ ހިލާފަށް މާލޭ އަދުމީމް ވަޒަންވެރިކުރުވުން

ދުނިޔެ

އިޒްރޭލުން ފަލަސްޠީނުގައި އާބާދުވީ ބައިނަލްއަގްވާމީ ގާނޫނުތަކާ ހިލާފު: އެމެރިކާ

ދާނިޝް - މެދުއިރުމަތި | 25 ފެބުރުއަރީ 2024 , އާދީއްތަ 22:05   62

އިސްރާއީލުން ހިފާފައިވާ ފަލަސްތީނުގެ ބިންތަކުގައި މީހުން ވަޒަންވެރިކުރުވުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށް އެމެރިކާއިން ބުނެފި އެވެ.

އެމެރިކާގެ ޚާރިޖީ ވަޒީރު އެންޓަނީ ބްލިންކެން ވިދާޅުވީ އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރީގައި އިޒްރޭލުގެ 3،300 އަށްވުރެ ގިނަ އާ އާބާދީތައް އެޅުމަށް ނިންމާފައިވާކަމަށް އިޒްރޭލުގެ ފިނޭންސް މިނިސްޓަރު ބެޒަލޭލް ސްމޮޓްރިޗް އިއުލާނު ކުރުމަކީ މާޔޫސްވާ ކަމެއް ކަމަށެވެ.

"ޑިމޮކްރެޓިކް އަދި ރިޕަބްލިކަން ސަރުކާރުގެ ޒަމާންވީ ސިޔާސަތަކީ އާ އާބާދީތަކަކީ ދެމެހެއްޓެނިވި ސުލްހައެއް ގާއިމުކުރުމަށް ބުރޫއަރާ ކަމެއް ކަމަށް. އަދި އެއީ ބައިނަލްއަގްވާމީ ގާނޫނުތަކާ ވެސް ފުށުއަރާ ކަންތައްތަކެއް،" ހުކުރު ދުވަހުގެ ރޭ ބުއެނޯސް އައިރެސްގައި ބޭއްވި ނިއުސް ކޮންފަރެންސްގައި ބްލިންކެން ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ސަރުކާރުން ގެންދަނީ ސެޓްލްމަންޓް ފުޅާކުރުމާ ދެކޮޅު ހަދަމުން. އަޅުގަނޑުމެންގެ ނަޒަރުގައި އެއީ ހަމައެކަނި ބަލިކަށިވެ، އިސްރާއީލުގެ ސަލާމަތާއި ރައްކާތެރިކަން ހަރުދަނާވާ ކަމެއް ނޫން،" އޭނާ ބުންޏެވެ.

މިކަމުގެ ސަބަބުން ހުޅަނގު އައްސޭރިއާއި ގޯލާން ހައިޓްސް އަދި އިރުމަތީ ގުދުސްގައި އިސްރާއީލުގެ އާބާދީތަކަށް ވޮޝިންޓަނުން ތާއީދުކުރާ ކަމަށް 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހު އޭރުގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕެއޯ ކުރެއްވި އިއުލާނަށް އިޝާރާތްކުރައްވައި، ޕޮމްޕެއޯ ޑޮކްޓްރިން އަށް ރައްދު ދެއެވެ.

ވައިޓް ހައުސްގެ ގައުމީ ސަލާމަތާ ބެހޭ ތަރުޖަމާނު ޖޯން ކިރްބީ ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވީ ރިޕަބްލިކަން އަދި ޑިމޮކްރެޓިކް ސަރުކާރުތަކުގައި ބްލިންކެންގެ ސިޔާސަތު އެއްގޮތް ކަމަށެވެ. "ހަމަނުޖެހުން އުފެދޭ ސަރުކާރެއް އޮތް ނަމަ އެއީ ކުރިން އޮތް ސަރުކާރު،" ކިރްބީ ވިދާޅުވި އެވެ.

އެމެރިކާގެ ކުރީގެ ރައީސް ޖިމީ ކާޓާގެ ސަރުކާރުން އިސްރާއީލުގެ އާބާދީތަކަކީ ބައިނަލްއަގްވާމީ ގާނޫނުތަކާ ހިލާފަށް ހަދާފައިވާ އާބާދީތަކެއް ކަމަށް 1978 ވަނަ އަހަރުން ފެށިގެން އެމެރިކާގެ ޚާރިޖީ ވުޒާރާގައި އޮތް ގާނޫނީ ހައިސިއްޔަތު ޕޮމްޕެއޯ ޑޮކްޓްރިން އަމިއްލައަށް ވަނީ ބާތިލްކޮށްފަ އެވެ.

މީގެ އިތުރުން ޖަރުމަނުވިލާތުން މިވަނީ އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރީގައި އެތައް ހާސް އާ ވަޒަންވެރިންގެ ގެތަކެއް އެޅުމަށް އެންމެ ފަހުގެ ރޭވުންތައް ކުށްވެރިކޮށްފައެވެ.

"ސެޓްލްމަންޓް ކޮންސްޓްރަކްޝަނާ ބެހޭ ގޮތުން އަޅުގަނޑުމެންގެ ސްޓޭންޑް ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ. އެއީ ބައިނަލްއަގްވާމީ ގާނޫނާ ހިލާފު ކަމެއް ކަމަށާއި އާ ކޮންސްޓްރަކްޝަން ޕްރޮޖެކްޓްތައް ހިންގާއިރު ވެސް އެކަން ހިނގާނެ،" ބާލިންގައި ބޭއްވި ނިއުސް ކޮންފަރެންސެއްގައި ޖަރުމަންވިލާތުގެ ފޮރިން މިނިސްޓްރީގެ ޑެޕިއުޓީ ސްޕޯކްސްޕާސަން ކެތުރިން ޑެޝައުއާ ވިދާޅުވި އެވެ.

އިސްރާއީލުގެ ސްމޮޓްރިޗް ވަނީ އާ ސެޓްލްމަންޓް ޕްލޭންތަކަކީ މިދިޔަ ބުރާސްފަތި ދުވަހު ގުދުސް އާއި ހިފާފައިވާ ހުޅަނގު އައްސޭރީގެ ސިޓީއެއް ކަމަށްވާ މާލޭ އަދުމިމްއާ ދެމެދު އޮންނަ ޗެކްޕޮއިންޓެއް ކައިރީގައި ފަލަސްތީނުގެ ތިން މީހަކު ބަޑިޖަހައި އިސްރާއީލުގެ އެކަކު ޝަހީދުކޮށް، އެތައް ބަޔަކު ޒަހަމްކޮށްލި ހާދިސާއަށް ރައްދު ދިނުމުގެ ގޮތުން ގާއިމުކުރި ޕްލޭންތަކެއް ކަމަށޤ ބުނެފައެވެ.

ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި ޑިފެންސް މިނިސްޓަރު ޔޮއާވް ގަލަންޓް އަދި ސްޓްރެޓެޖިކް އެފެއާޒް މިނިސްޓަރު ރޮން ޑާމަރގެ ތާއީދާއެކު ސްމޮޓްރިޗް މިހާރު ވަނީ ފަލަސްތީނުގެ ބިންތަކުގައި މާލޭ އަދުމިމްގައި 2،350 ހައުސިން ޔުނިޓް، ކޭދާރުގައި 300 އަދި އެފްރާޓްގައި 694 ހައުސިން ޔުނިޓް އެޅުމަށް ނިންމާފަ އެވެ.

ފަލަސްތީނުގެ ބޮޑުވަޒީރު މުހައްމަދު ޝްތަޔޭހް ވިދާޅުވީ މި އިއުލާނަކީ ބައިނަލްއަގްވާމީ މުޖުތަމައަށް ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށާއި އެއީ ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމުކުރުމަށް އެޅޭ ހުރަހެއް ކަމަށެވެ.

އިޒްރޭލުގެ ސެޓްލްމަންޓް ވޮޗްޑޮގް ޕީސް ނައު އިން ބުނީ "އިޒްރޭލުގެ 2024 ވަނަ އަހަރުގެ ބަޖެޓުން ފެންނަނީ އާބާދީތަކަށް 100 މިލިއަނަށް ވުރެ ގިނަ ޑޮލަރު އިތުރުވެފައިވާ ކަން" ކަމަށެވެ. "2024 ވަނަ އަހަރު ސެޓްލްމަންޓްތަކަށް ކޯލިޝަނުން ދޭ ފައިސާގެ އަދަދު 203 މިލިއަނަށް ވުރެ މައްޗަށް އަރާނެ [2023 ވަނަ އަހަރުގެ މެއި މަހުން ފެށިގެން ސަރުކާރުގެ ނިންމުމުގައި ކުރިން ކަނޑައެޅި 76 މިލިއަން ޑޮލަރުގެ ބަދަލުގައި]،" އެ ބަޔާނުގައި ވެ އެވެ.

އިސްރާއީލުގެ ތާރީހުގައި ވެސް އެންމެ ހަރުކަށި ފިކުރުގެ ސަރުކާރުގެ ވަޒީރުން ވެސް ވަނީ މި ހަމަލާއަށް ފަހު ފަލަސްތީނަށް އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކުގެ އިތުރުން ދަތުރުފަތުރަށް ބޮޑެތި ހުރަސްތަކެއް އެޅުމަށް ގޮވާލާފަ އެވެ. އިސްރާއީލުން ޒަމާނުއްސުރެ ވަނީ އެއްވެސް ހަމަލާއަކަށް ބެލުމެއް ނެތި ގަވައިދާ ހިލާފަށް އާ އާބާދީތަކެއް ހެދުމުގެ ޕްލޭންތައް ކުރިއަށް ގެންގޮސްފަ އެވެ. އެމެރިކާ އާއި އެގައުމުގެ ބައިވެރިން ތާރީޚީ ގޮތުން އިސްރާއީލަށް ޕްރެޝަރުކޮށް، އާބާދީތައް ފުޅާކުރުން ހުއްޓާލުމަށް ނުވަތަ އަނބުރާ ގެންދިއުމަށް އެއްވެސް މަސައްކަތެއް ކޮށްފައެއް ނުވެއެވެ.

އިޒްރޭލުން ހިފާފައިވާ ފަލަސްތީނުގެ ބިންތަކަށް މިދިޔަ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު ޣައްޒާއާ ދެކޮޅަށް ހަނގުރާމަ ފެށުމުގެ ކުރިން ވެސް ކޮންމެ ދުވަހަކު ވެސް ހިނގަމުންދާ ހަމަލާތައް ގާތްގަނޑަކަށް ކޮންމެ ދުވަހަކު ވެސް ހިނގަމުން ދިޔަ އިރު، އޭގެ ފަހުން އެ ހަމަލާތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.

ޣައްޒާގައި ހަނގުރާމަ ފެށުނީއްސުރެ އިޒްރޭލުން ދިން ހަމަލާތަކުގައި ފަލަސްތީނުގެ 29،500 އަށް ވުރެ ގިނަ މީހުން ޝަހީދުވެފައިވާއިރު އޭގެ ތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ.

ޓެގްސް: ފަލަސްޠީން އިޒްރޭލް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.