ގާނާގެ ޤާނޫނު ހަދާ މަޖިލީސް

ދުނިޔެ

އެފްރިކާ، ގާނާގެ ޤާނޫނު ހަދާ މަޖިލީހުން ކަރަންޓު ކަނޑާލައިފި

އަލީ އަޒްޔަން - އެފްރުކާ | 1 މާރޗް 2024 , ހުކުރު 15:50   222

ގާނާގެ ސަރުކާރު ކުންފުނި، އިލެކްޓްރިސިޓީ ކޮމްޕެނީ އޮފް ގާނާ (އީސީޖީ) އިން ބުރާސްފަތި ދުވަހު އެ ޤައުމުގެ ޤާނޫނުހަދާމަޖިލީހުން ކަރަންޓް ކަނޑާލީ ގާނާގެ 23 މިލިއަން ސެޑީ (1.8 މިލިއަން ޑޮލަރު؛ 1.4 މިލިއަން ޕައުންޑް) ގެ ދަރަނި ނުދައްކައި އޮތުމާއި ގުޅިގެންނެވެ.

ކަރަންޓް ކެނޑުމުގެ ސަބަބުން ރައީސް ނާނާ ޤައުމާއި މުޚާޠަބްކޮށް ތަގުރީރުކުރުން ވެސް ހުއްޓާލާފައިވެއެވެ.

ލޯކަލް މީޑިއާތަކުން ހިއްސާކުރި ވީޑިއޯއަކުން ފެންނަ ގޮތުގައި ފަނޑު އަލިކަމެއް ހުރި ޗެމްބަރުގައި މެމްބަރުން ގޮވަމުން ދިޔައީ "ޑަމްސޯރު، ޑަމްސޯރު" ކަމަށާއި އޭގެ މާނައަކީ ލޯކަލް އަކާން ބަހުން ކަރަންޓް ކެނޑުން ކަމަށެވެ.

ލޯކަލް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ބެކްއަޕް ޕަވަރ ޖަނަރޭޓަރަކުން ޗެމްބަރަށް ކަރަންޓް ގެނެސްފައިވަނީ އޭގެ ދެތިން މިނެޓެއް ފަހުންނެވެ.

އެކަމަކު މަޖިލިސް އިމާރާތުގެ އެހެން ހިސާބުތަކަށް ކަރަންޓު އަލުން ދިނުމުގެ ކުރިން ދުވަހުގެ ބޮޑު ބައެއް ކަރަންޓް ނުލިބި އޮތެވެ.

ކުއްލިއަކަށް ކަރަންޓު ކެނޑުނު ވަގުތު ލިފްޓް ބޭނުން ކުރަމުން ދިޔަ މަޖިލިސް މެމްބަރުންނާއި ޕާލަމެންޓްގެ މުވައްޒަފުން ތާށިވެފައިވާ ކަމަށް ގާނާގެ ޓީވީ3 ޗެނަލުން ބުނެފައިވެއެވެ.

ކަރަންޓު ކުންފުނީގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު ވިލިއަމް ބޮއެޓެންގް ރޮއިޓާސް ނިއުސް އެޖެންސީއަށް ވިދާޅުވީ ކަރަންޓް ކަނޑާލުމަށް ނިންމީ މަޖިލީހުން "ޑިމާންޑް ނޯޓިސްތަކަށް އިހުތިރާމް ކޮށްގެން ފައިސާ ދެއްކުމަށް" ދެކޮޅު ހެދުމުންނެވެ.

މަޖިލީހުން 13 މިލިއަން ސެޑީ ދައްކައި، ބާކީ އޮތް ދަރަނި ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ދެއްކުމަށް ވައުދުވި ދުވަހުގެ ފަހުކޮޅު ކަރަންޓް ލިބުނު ކަމަށް ވެސް ބޮއަޓެންގް އިތުރަށް ވިދާޅުވި އެވެ.

ޕާލަމެންޓްރީ ފައިނޭންސް އޮފިޝަލް އެބެނެޒަރ އަހުމާ ޖިއެޓްރޯރ ވަނީ އިންޖީނުގެއިން ބުނެފައިވާ އަދަދަކީ މަޖިލީހުން ދައްކަންޖެހޭ ކަމާއި ދެކޮޅު ހައްދަވާފައެވެ.

މާލީ ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ ގާނާގެ ކަރަންޓް ކުންފުނިން އަންނަނީ ބިލްތައް ނުދައްކާނަމަ ކަރަންޓު ކަނޑާލަމުންނެވެ.

"ކަރަންޓު ކަނޑާލުމަކީ އެންމެންނަށް ވެސް އެޅޭ ފިޔަވަޅެއް. ފައިސާ ދެއްކުމުގެ އިންތިޒާމު ނުހެދިއޮތް ކޮންމެ މީހަކު ވެސް ޑިސްކަނެކްޓް ކުރާނެ،" ބޮއަޓެންގް ރޮއިޓާސް އަށް ވިދާޅުވެފައިވެއެވެ.

ފާއިތުވި އަހަރުތަކުގައި ކަރަންޓުގެ ދަތިކަން އިތުރަށް ގޯސްވެފައިވަނީ ދިހަ އަހަރު ތެރޭގައި އެގައުމަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އިގްތިސާދީ ދަތިކަމާ ކުރިމަތިލާން ޖެހުމުން ކަމަށާއި ފާއިތުވި މަސްތަކުގައި މިކަންކަން އިތުރަށް ބޮޑުވެފައިވާ ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.

އަމިއްލަ ކަރަންޓް ސަޕްލައި ކުރާ ފަރާތްތަކަށް ދައުލަތުގެ ކަރަންޓް ކުންފުނިން 1.6 ބިލިއަން ޑޮލަރު ދައްކަން ޖެހޭ ކަމަށް އެމީހުން ތަމްސީލުކުރާ ޖަމިއްޔާގެ ވެރިޔާ އެލިކްޕްލިމް ކުވާބްލާ އަޕެޓޮގްބޯރ ވިދާޅުވި އެވެ.

މިދިޔަ ޖުލައި މަހު އެމީހުން ވަނީ ދައްކަންޖެހޭ ފައިސާއާ ގުޅިގެން އޮޕަރޭޝަންތައް ބަންދުކުރާނެ ކަމުގެ އިންޒާރު ދީފަ އެވެ.

ކަރަންޓުގެ ދާއިރާ ފުނޑުފުނޑުވެގެން ނުދިއުމަށް އިންވެސްޓް ކުރުމަށް އިދިކޮޅު މަޖިލިސް މެމްބަރުން ވަނީ އެ ޤައުމުގެ ސަރުކާރަށް އިލްތިމާސްކޮށްފަ އެވެ.

ޓެގްސް: ގާނާ އެފްރިކާ ބައްރު
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.