ހައިޓީގެ ބޮޑުވަޒީރު އެރިއެލް ހެންރީ ކެންޔާގެ ނައިރޯބީގައި

ދުނިޔެ

ހެއިޓީގެ ބޮޑުވަޒީރު އެރިއަލް ހެންރީ މަޤާމުން އިސްތިއުފާ ދެއްވައިފި

ދާނިޝް - ދުނިޔެ | 13 މާރޗް 2024 , ބުދަ 11:15   51

ކެރީބިއަން ޤައުމުގައި ގޭންގްތަކުން ސަރުކާރަށް ޙަމަލާތައް ދެމުން ގެންދާއިރު، އިޖްތިމާޢީ ހަމަޖެހުން ފުނޑުފުނޑުވެ ގޮސްފައިވާއިރު، އެޤައުމުގައި އެތައް ހަފުތާއެއްވަންދެން ހަލަބޮލިކަން އުފެދިފައި ވަނިކޮށް، ހެއިޓީގެ ލީޑަރު އެރިއަލް ހެންރީ އިސްތިއުފާ ދެއްވައިފިއެވެ.

ހެންރީގެ އެޑްވައިޒަރު ޖީން ޖޫނިއާ ޖޯސެފް ސީއެންއެންއަށް ދެއްވި ބަޔާނެއްގައި އިސްތިއުފާ ދެއްވިކަން ކަށަވަރުކޮށްދެއްވަމުން ވިދާޅުވީ އާ އިންތިގާލީ ސަރުކާރެއް އުފެދެންދެން މަގާމުގެ ޒިންމާތައް ހެންރީ އަދާކުރައްވާނެ ކަމުގައެވެ.

މީގެ އިތުރުން ކެރީބިއަންގެ އެހެން ލީޑަރުންނާ އެކު ހޯމަ ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ގަޔާނާގެ ލީޑަރު އަދި ކެރިކޮމްގެ މިހާރުގެ ޗެއާމަން އިރުފާން އަލީ ވަނީ "އިންތިގާލީ ރިޔާސީ ކައުންސިލެއް އުފައްދައި އިންތިގާލީ ބޮޑުވަޒީރަކު ކަނޑައެޅުމުން" ހެންރީ އިސްތިއުފާ ދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ.

އިގްތިސާދީ އެއްބައިވަންތަކަމާއި ސަލާމަތާއި އިޖުތިމާއީ ތަރައްގީއާ ގުޅޭ ގޮތުން މަސައްކަތް ކުރާ 25 ގައުމެއްގެ ސަރަހައްދީ ބްލޮކެއް ކަމަށްވާ ކެރިކޮމް (ކެރީބިއަން ކޮމިއުނިޓީ އެންޑް ކޮމަން މާކެޓް) އިން ހޯމަ ދުވަހު ޖެމެއިކާގެ ވެރިރަށް ކިންގްސްޓަންގައި ހެއިޓީއާ ބެހޭ ބައްދަލުވުމެއް ބާއްވާފައިވާ ކަމަށް އދ. އިން ބުނެއެވެ.

އެ ބްލޮކްގައި އިތުރަށް ބުނެފައި ވަނީ އިންތިގާލީ ކައުންސިލެއް އުފައްދައި، އިންތިހާބަށް މަގު ފަހިކޮށްދީފައިވާ ކަމަށެވެ.

"ސުލްހަވެރިކަމާއެކު ވެރިކަން ބަދަލުކުރުމަށާއި، ވެރިކަން ދެމެހެއްޓުމަށާއި، ކައިރި މުއްދަތުގެ ސަލާމަތާއި ރައްކާތެރިކަމަށް ބޭނުންވާ އެކްޝަން ޕްލޭނާއި، މިނިވަން އިންސާފުވެރި އިންތިޚާބެއް ބޭއްވުމުގެ މަގު ފަހިކޮށްދޭ އިންތިޤާލީ ވެރިކަމުގެ އިންތިޒާމު ހަމަޖެއްސުމުގެ ވަޢުދު އަޅުގަނޑުމެންނަށް ވަރަށް އުފަލާއެކު އިޢުލާނުކުރަން. އަދި ހެއިޓީ ގެ ވެރިކަން ހިންގާނީ ގާނޫނީ އިމުގެ ތެރެއިން" ކަން ޔަގީންކޮށްދޭ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.

މީގެ އިތުރުން ހެއިޓީގެ ވެރިރަށް ޕޯޓް-އޯ-ޕްރިންސްގައި ހުންނަ އެގައުމުގެ އެންމެ ބޮޑު ޖަލަށް ހަތިޔާރު އެޅި ޖަމާއަތްތަކުން ހަމަލާދީ ފުލުހުންނާއި ޖަލުގެ މުވައްޒަފުން މަރާލައި ޒަހަމްކޮށް، ގާތްގަނޑަކަށް 3،500 ގައިދީން ފިލަން ފުރުސަތު ދިނުމާ ގުޅިގެން އެ ގައުމުގެ ސަރުކާރުން ކުއްލި ނުރައްކަލުގެ ހާލަތު މިދިޔަ އާދީއްތަ ދުވަހު ވަނޫ އިއުލާނުކޮށްފަ އެވެ.

ގޭންގް ލީޑަރެއް ކަމަށްވާ ޖިމީ "ބާބަކިއު" ޗެރިޒިއާ ވަނީ މި ހަމަލާގެ ކްރެޑިޓް ނަގައިފައި ވާއިރު، މި ޖައިލްބްރޭކަކީ ހެންރީގެ ސަރުކާރު ވައްޓާލަން ކުރި ކަމެއް ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

ހެއިޓީގެ ގޭންގުތަކުން މިދިޔަ ފެބްރުއަރީ މަހުގެ 29 ވަނަ ދުވަހުން ފެށިގެން ސަރުކާރު ވައްޓާލުމަށް ފުލުހުންގެ މަރުކަޒުތަކަށާއި ޖަލުތަކަށާއި ހޮސްޕިޓަލްތަކަށް ވަދެ ފަޅާލައި ބަނދަރާއި އެއާޕޯޓު ފަދަ ސްޓްރެޓެޖިކް ތަންތަން ވަށާލައިގެން ދަނީ މުޒާހަރާކޮށް ހަމަލަ ދެމުންނެވެ.

މިދިޔަ ހަފުތާގައި އެންމެ ނުރައްކާތެރި ހަމަނުޖެހުންތައް ހިނގިއިރު ހެންރީ ހުންނެވީ ހެއިޓީގެ ސަލާމަތީ ހާލަތު އަލުން އިއާދަކުރުމަށް ކެންޔާގެ 1،000 ފުލުހުން ހެއިޓީއަށް ފޮނުވުމުގެ އެއްބަސްވުމެއްގައި ސޮއި ކުރުމަށް ކެންޔާގައެވެ.

މި ހަމަނުޖެހުން ތަކައް ސިޔާސީ ހައްލެއް ހޯދުމަށް އެމެރިކާގެ ޕްރެޝަރު ހެންރީއަށް ކުރިމަތިވި ނަމަވެސް، އެކަމަށް ފިޔަވަޅު އަޅާނީ ކާކު ކަމެއް އަދި ސާފެއް ނުވެ އެވެ. އޭގެ ތެރޭގައި މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ، ދާދި ފަހުން އެމެރިކާއިން ހެއިޓީއަށް ފޮނުވާލި ބަޣާވާތުގެ ލީޑަރެއް ކަމަށްވާ ގައި ފިލިޕޭ ހިމެނެ އެވެ.

ހެއިޓީގެ އޭރުގެ ރައީސް އަވަހާރަކޮށްލުމާ ގުޅިގެން 2021 ވަނަ އަހަރު އިންތިހާބު ނުކޮށް ވެރިކަމަށް ވަޑައިގެންނެވި ހެންރީ މިދިޔަ އަހަރު އިންތިހާބު ނުބޭއްވީ އެ ގައުމުގެ އޮތް ހަމަނުޖެހުންތަކުގެ ސަބަބުން ވޯޓަށް ބުރޫ އަރާނެ ކަމަށް ވިދާޅުވެ އެވެ.

ނަމަވެސް އޭނާގެ މި ނިންމުމާ ގުޅިގެން ހައިޓީ ފަގީރުކަމާއި ގޭންގް މާރާމާރީތަކުގެ ތެރެއަށް ވެއްޓުމާއި ގުޅިގެން އޭނާ އިސްތިއުފާ ދެއްވުމަށް އެތައް މަހެއް ވަންދެން ގޮވާލަމުން ދިޔަ މުޒާހަރާގެ ބައިވެރިން އިތުރަށް ރުޅިގަދަވެ، ގައުމުގެ ހަމަޖެހުމަށް އިތުރު ހުރަސް ތަކެއް ކުރިމައި ވެގެން ދިޔައެވެ.

ހެންރީ ކެންޔާއަށް ކުރެއްވި ދަތުރުފުޅަށްފަހު ހައިޓީގެ ވެރިރަށް ޕޯޓް-އޯ-ޕްރިންސް ގައި ގާނޫނު ތަންފީޒުކުރާ ފަރާތްތަކަށާއި ދައުލަތުގެ މުއައްސަސާތަކަށް ބޮޑެތި ގޭންގު ހަމަލާތައް އަމާޒުވަމުންދާއިރު އެތައް ހާސް ބަޔަކަށް ވަނީ ހަމަލަ ތަކުގެ ސަބަބުން ގެދޮރު ދޫކޮށް ދާން މަޖުބޫރުވެފަ އެވެ.

ޓެގްސް:
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.