"ފޭސްބުކަކީ ވަރަށް ބޭވަފާތެރި..ގައުމަށް ވަރަށް ގޯސް ބައެއް" - ޓްރަމްޕް

ޓެކްނޯލޮޖީ

ރައްޔިތުންގެ ދުޝްމަނެއްކަމަށް ވިދާޅުވެ، ޓްރަމްޕްގެ ފާޑުކިޔުން އަނެއްކާވެސް ފޭސްބުކްއަށް އަމާޒުވެއްޖެ

ދާނިޝް - އެމެރިކާ | 12 މާރޗް 2024 , އަންގާރަ 22:13   446

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ފާޑުކިޔުން އަނެއްކާވެސް ސޯޝަލްމީޑިއާ ޕްލެޓްފޯމް ފޭސްބުކް އަށް އަމާޒުވެއްޖެއެވެ. އަދި އެކަމުގެ ސަބަބުން ވޯލް ސްޓްރީޓްގެ ބައެއް ވިޔަފާރިވެރިންގެ މެދުގައި ވަނީ ފޭސްބުކް އާއިމެދު ނުތަނަވަސް ކަން އުފެދިފައެވެ.

މެޓާ ޕްލެޓްފޯމްސް (މެޓާ)ގެ ސްޓޮލް ގާތްގަނޑަކަށް ހަތަރު ޕަސެންޓް ދަށަށް ގޮސްފައި ވަނީ ޓްރަމްޕް ސީއެންބީސީއަށް އަރައި ފޭސްބުކަކީ "ރައްޔިތުންގެ ދުޝްމަނެއް" ކަމަށް ލޭބަލް ކުރެއްވުމާ ގުޅިގެން ކަމަށް ބެލެވެއެވެ.

މެޓާގެ ހިއްސާތައް މިދިޔަ ހުކުރު ދުވަހު އިތުރު 1.2 އިންސައްތަ ފަހަތަށް ޖެހުނީ ޓްރަމްޕް ޓްރޫތު ސޯޝަލްގައި ކުރެއްވި ޕޯސްޓައް ފަހުގައެވެ. މީގެ އިތުރުން، ބުރާސްފަތި ދުވަހުގެ ރޭ ޓްރަމްޕްގެ ބަހުގެ ހަމަލާތައް ފެށުނު ފަހުން މެޓާގެ މާކެޓް ވެލިއޭޝަން ވަނީ 60 ބިލިއަން ޑޮލަރަށް ވުރެ ދަށަށް ގޮސްފަ އެވެ.

ޑީއޭ ޑޭވިޑްސަންގެ އެނަލިސްޓެއް ކަމަށްވާ ގިލް ލޫރިއާ ވިދާޅުވީ ކުރީގެ ރައީސް ޓްރަމްޕް ދެއްކެވި ވާހަކަތަކާ މެޓާގެ ސްޓޮކް ތަކުގެ އަގަށް އަންނަމުންދާ ބަދަލާއި ވަރަށް ބޮޑު ގުޅުމެއް އެބައޮތް ކަމަށެވެ.

"ސިޔާސީ ބަހުސްގެ ތެރެއަށް ފޭސްބުކް ދަމައިގެން ހިނގައްޖެ - އަދި އެއީ އެ މީހުންނަށް ރަނގަޅު ޚަބަރެއް ނޫން." ލޫރިއާ ވިދާޅުވިއެވެ.

މިދިޔަ ހަފުތާގައި ޓްރަމްޕް ވަނީ ޓިކްޓޮކާ މެދު ގެންގުޅުއްވާ ސްޓޭންޑް ބަދަލުކުރައްވައި، ކޮންގްރެސް ގައި ރިޕަބްލިކަން ޕާޓީގެ ގިނަ މެމްބަރުން ވެސް ހިމެނޭ ގޮތަށް، ޓިކްޓޮކް މަނާކުރުމާ ދެކޮޅަށް ނުކުމެވަޑައިގެން ގިނަ ބަޔަކު ހައިރާންކޮށްލައިފަ އެވެ.

ޓްރަމްޕް ވިދާޅުވަނީ ޓިކްޓޮކް މަނާކުރުމަކީ ފޭސްބުކަށް ފައިދާކުރާނެ ކަމެއް ކަމަށެވެ.

އެމެރިކާގެ މާކެޓްތައް ހުޅުވުމުގެ ކުރިން ސީއެންބީސީއަށް ދެއްވި ބަސްދީގަތުމެއްގައި ޓްރަމްޕް ވިދާޅުވީ ޓިކްޓޮކް އާ ނުލައި ފޭސްބުކް ބޮޑުކުރެވިދާނެ ކަމަށާއި ފޭސްބުކަކީ ގިނަ މީޑިއާތަކާ އެކު ރައްޔިތުންގެ ދުޝްމަނެއް ކަމަށް ދެކޭ ކަމަށެވެ.

ޖެނުއަރީ 6، 2021 ގައި ކެޕިޓޮލްގައި ހިނގި ހަމަނުޖެހުންތަކާ ގުޅިގެން ފޭސްބުކުން ވަނީ ޓްރަމްޕަށް ދެ އަހަރަށް އެޕްލެޓްފޯމް ބޭނުންކުރުން މަނާކޮށްފަ އެވެ. ޓްރަމްޕްގެ ފޭސްބުކް އަދި އިންސްޓަގްރާމް އެކައުންޓްތައް މެޓާ އިން އަލުން އިއާދަކުރީ 2023 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ.

ޓްރަމްޕްގެ ހަމަލާތަކަށް އިންވެސްޓަރުން ދަނީ ވަރަށް ސާފުކޮށް ސަމާލުކަން ދެމުން ދާކަން ފާހަގަ ކޮށްލެވެއެވެ. މިގޮތުން ހޯމަ ދުވަހު އެކަނި މެޓާގެ ހިއްސާ ވަނީ ގާތްގަނޑަކަށް 5 ޕަސެންޓް ދަށަށް ގޮސް، 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހަށް ފަހު ހިއްސާތައް އެންމެ ބޮޑަށް ވެއްޓުނު ދުވަހަށް ވެގެން ގޮސްފައެވެ.

ޑީއޭ ޑޭވިޑްސަންގެ އެނަލިސްޓް ލޫރިއާ ވިދާޅުވީ ޓްރަމްޕްގެ މި ވާހަކަތަކުން ފޭސްބުކް އަނެއްކާވެސް ވޮޝިންޓަންގެ ޓާގެޓަކަށް ވެދާނެތީ ކަންބޮޑުވުން އުފެދޭ ކަމަށެވެ.

ވަކިން ހާއްސަކޮށް ލޫރިއާ ވިދާޅުވީ ޓްރަމްޕް ރައީސް ކަމަށް އިންތިހާބުވެއްޖެ ނަމަ ކުރިއަށް އޮތް ތަނުގައި މެޓާ އަށް އިކުއިޒިޝަން ހަދަން އުނދަގޫވެ ފޭސްބުކަށް ޕްރެޝަރު ކުރެވިދާނެ ކަމަށެވެ. މީގެ ކުރިން އިންސްޓަގްރާމާއި ވަޓްސްއެޕް ހޯދުމަކީ އެ ކުންފުނީގެ ކުރިއެރުމުގެ މައިގަނޑު ސަބަބެވެ.

"ކުރިއަށް އޮތް ތަނުގައި ކުރިއަރަމުންދާ ޕްލެޓްފޯރމްސްތައް ނުގަނެވޭ ނަމަ ވާދަކުރަން އުނދަގޫވާނެ،" ލޫރިއާ ބުންޏެވެ.

ޓެގްސް: ފޭސްބުކް ސޯޝަލްމީޑިއާ ޑޮނަލްޑް ޓްރަމްޕް އެމެރިކާ-ރާއްޖެ ގުޅުން އެމެރިކާ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.