ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން

ދުނިޔެ

ޚިޔާނާތުގެ މައްސަލާގައި އިމްރާން ޚާންގެ މައްޗަށް އިއްވި ޖަލު ހުކުމް ސަސްޕެންޑްކޮށްފި

ދާނިޝް - އޭޝިއާ | 4 އޭޕުރިލް 2024 , ބުރާސްފަތި 00:20   468

ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާންގެ މައްޗަށް ދައުލަތުން ދޭ ހަދިޔާތައް ގަވައިދާ ހިލާފަށް ވިއްކުމުގެ މައްސަލައެއްގައި އޭނާގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމް ޕާކިސްތާނުގެ ކޯޓަކުން ސަސްޕެންޑްކޮށްފި އެވެ.

އިމްރާން އާއި އޭނާގެ އަނބިކަނބަލުން ބުޝްރާ ބީބީގެ މައްޗަށް 14 އަހަރުގެ ޖަލު ހުކުމެއް އިއްވާފައި ވަނީ މިދިޔަ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހު އެވެ.

އިސްލާމްއާބާދު ހައި ކޯޓުން މިއަދު ބުނީ 10 ދުވަހުގެ ތެރޭގައި ފަށާ އީދު ޗުއްޓީއަށް ފަހު އެ މައްސަލައާ މެދު ގޮތެއް ނިންމަންދެން ދެމަފިރިންގެ ހުކުމް ސަސްޕެންޑް ކުރާނެ ކަމަށެވެ.

އިމްރާން، 71، ގެ މައްޗަށް އުފުލާފައިވާ ދައުވާއަކީ 2018 ވަނަ އަހަރުން ފެށިގެން 2022 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ނިޔަލަށް ބޮޑުވަޒީރުކަމުގައި ހުންނެވި އިރު ލިބުނު 140 މިލިއަން ރުޕީސް (504،000 ޑޮލަރު) އަށް ވުރެ ގިނަ ދައުލަތުގެ ހަދިޔާ ވިއްކުމުގެ މައްޗަށް ބިނާކޮށް މުދާ ހާމަކޮށްފައި ނުވާ ކަމަށް ބުނެ ކޮށްފައިވާ ދައުވާއެކެވެ. ޕާކިސްތާނުގެ އެންޓިކޮރަޕްޝަން އެޖެންސީން މި މައްސަލަ ހުށަހެޅީ އިމްރާނާއި އޭނާގެ އަނބިކަނބަލުން ގާނޫނާ ހިލާފަށް ހަދިޔާ ގަނެ ވިއްކާކަމަށް ތުހުމަތު ކޮށެވެ.

އެ ދެމަފިރިންގެ މައްޗަށް އިއްވާފައިވާ ހުކުމުގެ ދަށުން އެ ދެމަފިރިންނަށް 10 އަހަރަށް ދައުލަތުގެ މަގާމަށް ވާދަނުކުރެވޭ ގޮތަށް ހަމަޖެއްސިއިރު، އެއިން ކޮންމެ މީހެއްގެ މައްޗަށް 787 މިލިއަން ރުޕީސް (2.8 މިލިއަން ޑޮލަރު) އިން ޖޫރިމަނާ ކުރަން ވެސް ވަނީ ހުކުމްކޮށްފަ އެވެ.

ޕާކިސްތާނުގެ އެންމެ ބޮޑު އިދިކޮޅު ޕާކިސްތާން ތަހްރީކޭ އިންސާފް (ޕީޓީއައި) ޕާޓީގެ ބާނީ އިމްރާން ވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހުން ފެށިގެން ގިނަ ތުހުމަތުތަކެއްގައި ޖަލުގައި ބަންދުކޮށްފަ އެވެ.

ދައުލަތުގެ ހަދިޔާގެ މައްސަލާގައި ކުށް ސާބިތުވެފައި މިވަނީ ކްރިކެޓް ތަރިއަކަށް ސިޔާސީ ތަރިއަކަށް ބަދަލުވި އަމީތާބު ދައުލަތުގެ ސިއްރުތައް ހާމަކުރުމުގެ ކުށުގައި 10 އަހަރުގެ ޖަލު ހުކުމެއް އިއްވިތާ އެއް ދުވަސް ފަހުންނެވެ.

މީގެ އިތުރުން އިމްރާނާއި އަނބިކަނބަލުންގެ މައްޗަށް ވެސް ހަތް އަހަރުގެ ޖަލު ހުކުމެއް އިއްވާފައި ވަނީ 2018 ވަނަ އަހަރުގެ ކައިވެންޏަކީ އިސްލާމީ ޝަރީއަތާ ހިލާފު ކައިވެންޏެއް ކަމަށް މިދިޔަ ފެބްރުއަރީ މަހުގެ ތިން ވަނަ ދުވަހު ކޯޓުން ހުކުމް ކުރުމުންނެވެ.

އިމްރާންގެ އަރިސް ބޭފުޅެއް ކަމަށްވާ ޕީޓީއައިގެ ސިޔާސީ ލީޑަރު ސައީދު ޒުލްފިކަރް ބުޚާރީ މީޑިއާ ތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ދައުލަތުގެ ހަދިޔާގެ މައްސަލަ ކޯޓުގައި ކުރިއަށްދާ ގޮތަށް ބަލާއިރު ރަނގަޅު ނަތީޖާއެއް ނެރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. އޭނާ ބުނީ ކޯޓުގެ މި ނިންމުމަށް މަރުހަބާ ކިޔާ ކަމަށާއި އުންމީދަކީ އިމްރާނާއި އޭނާގެ އަނބިކަނބަލުންގެ މައްޗަށް އުފުލާފައިވާ އެހެން ހުރިހާ މައްސަލަތަކަކީ ވެސް ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށް ކަމަށެވެ.

ޓެގްސް: ޕާކިސްތާން އިމްރާން ޚާން
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.