ސައިޕްރަގެ ނިކޯސިއާގެ ބޭރުގައި އޮންނަ ކޮކިނޮޓްރިމިތިއާގައި ރެފިއުޖީ ކޭމްޕެއް

ދުނިޔެ

ލުބުނާނުން ސޫރިޔާގެ ރެފިއުޖީން އައުން އިތުރުވަމުންދާތީ ސައިޕްރަސް ކަންބޮޑުވެއްޖެ

ދާނިޝް - މެދުއިރުމަތި | 6 އޭޕުރިލް 2024 , ހޮނިހިރު 11:05   441

ލުބުނާނުން އަންނަ ސޫރިޔާގެ ރެފިއުޖީން ގަވާއިދާ ހިލާފަށް ހިޖުރަކުރުން އިތުރުވަމުންދާތީ ސައިޕްރަސްއިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ސައިޕްރަސްގެ ރައީސް ނިކޯސް ކްރިސްޓޮޑޯލައިޑްސް ވިދާޅުވީ ސީރިއާގެ ހިމާޔަތް ހޯދާ މީހުންނާއި ރެފިއުޖީން ގަވާއިދާ ހިލާފަށް އަންނަ މިންވަރު މިފަހަކަށް އައިސް އިތުރުވަމުން ދިއުމަކީ ވަރަށް ކަންބޮޑުވާ ކަމެއް ކަމަށާއި ދެ ދުވަހުގެ ތެރޭގައި އެފަދަ 350 އަށް ވުރެ ގިނަ މީހުން އައިސްފައިވާ ކަމަށެވެ.

ޔޫރަޕިއަން ޕާލަމެންޓްގެ ރައީސް ރޮބާޓާ މެޓްސޯލާއާ އެކު ބޭއްވި ބައްދަލުވުމަށް ފަހު އޭނާ ވިދާޅުވީ ލުބްނާނަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ވަރަށް ރަނގަޅަށް ވިސްނޭ ކަމަށާއި ނަމަވެސް ސައިޕްރަސްއަށް ހިޖުރަކުރާ މީހުން އެކްސްޕޯޓް ކުރުމަކީ ޖަވާބަކަށް ވެގެން ނުވާނެ ކަމަށާއި އެކަން ބަލައިނުގަނެވޭނެ ކަމަށެވެ.

އީޔޫގެ އެންމެ އިރުމަތީ ސްޓޭޓް ކަމަށްވާ ސައިޕްރަސް އޮންނަނީ ސީރިއާ އާއި ލުބްނާނާ އެންމެ 100 މޭލު ދުރުގައި ކަމަށާއި ހާއްސަކޮށް އީޔޫއިން ހިމާޔަތް ހޯދާ މީހުން އަންނަ މިންވަރު މިފަހަކަށް އައިސް ވަނީ އިތުރުވެފައިވާ ކަންވެސް އޭނާ ފާހަގަ ކުރެއްވިއެވެ.

އިޤްތިޞާދީ ހީނަރުކަން ކުރިމަތިވެފައިވާ ލުބްނާނުގައި އދއިން ރަޖިސްޓްރީކޮށްފައިވާ ސޫރިޔާގެ ރެފިއުޖީންގެ އަދަދު 800،000 އަށް ވުރެ ގިނަ ނަމަވެސް އޮފިޝަލުން ލަފާކުރާ ގޮތުގައި ހަގީގީ އަދަދު މިއަށްވުރެ މާ ގިނަ އެވެ. އެއީ 1.5 މިލިއަނާއި ދެ މިލިއަނާ ދެމެދުގެ އަދަދެކެވެ.

ލުބްނާނުގައި ތިބި ސޫރިޔާގެ ރެފިއުޖީންގެ ތެރެއިން ގާތްގަނޑަކަށް 90 އިންސައްތަ މީހުން ދިރިއުޅެމުންދަނީ ފަގީރުކަމުގެ ނިސްބަތުން ދަށުގައި ކަމަށް އދ.ގެ ރެފިއުޖީންނާ ބެހޭ ހައިކޮމިޝަނަރު (ޔޫއެންއެޗްސީއާރް) އިން ވަނީ ހާމަކޮށްފައެވެ.

އާބާދީގެ ނިސްބަތުން ބަލާއިރު، އީޔޫގެ އެހެން މެމްބަރު ގައުމުތަކާ އަޅާ ބަލާއިރު ފާއިތުވި އަހަރުތަކުގައި ސައިޕްރަސް އިން ވަނީ ހިމާޔަތް ހޯދުމަށް އެންމެ ގިނަ އިން ފޯމު ހުށަހަޅާފަ އެވެ.

އދ.ގެ ރެފިއުޖީންގެ ޖަމިއްޔާ، ޔޫއެންއެޗްސީއާރުން އެކުލަވާލާފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުން މި އަހަރު ފެށުނީއްސުރެ ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 30 މީހުން ވަނީ އެ ރަށަށް ގޮސްފަ އެވެ. ނިކޯސިއާ ބޭނުންވަނީ ހަނގުރާމައިގެ ސަބަބުން ހާލުގައި ޖެހިފައިވާ ސީރިއާގެ ބައެއް ސަރަހައްދުތައް ރައްކާތެރި ކަމަށް ކަނޑައެޅުމަށް ޔޫރަޕިއަން ޔޫނިއަންއިން ވިސްނާ، އަވަށްޓެރި ގައުމުތަކަށް އަންނަ ހިމާޔަތް ހޯދާ މީހުން އަނބުރާ ގައުމަށް ފޮނުވާލުމުގެ ފުރުސަތު ފަހިކޮށްދޭނެ ކަމަށެވެ.

ސޫރިޔާގެ ރައީސް ބައްޝާރުލް އަސަދުގެ ސަރުކާރާ ދެކޮޅަށް 2011 ވަނަ އަހަރު ފެށި މުޒާހަރާތަކާ ގުޅިގެން ސީރިއާ އޮތީ ހަނގުރާމައިގެ ހާލަތުގައެވެ. އަލްއަސަދަށް އެގައުމުގެ ތިންބައިކުޅަ ދެބައިގެ ކޮންޓްރޯލް އަލުން ލިބުނީ އޭނާގެ ބައިވެރިން ކަމަށްވާ ރަޝިއާ، އީރާން އަދި ލުބުނާނުގެ ހަތިޔާރު އެޅި ޖަމާއަތެއް ކަމަށްވާ ހިޒްބުاللهގެ އެހީގަ އެވެ. ނަމަވެސް ހުޅަނގު އުތުރު އަދިވެސް އޮތީ އިދިކޮޅު ބާރުތަކުގެ ބާރުގެ ދަށުގަ އެވެ.

ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ ކޮމިޝަނަރު މާގަރައިޓިސް ޝިނާސް މިދިޔަ މަހު ވިދާޅުވެފައި ވަނީ މެދުއިރުމަތީގެ ގައުމުތަކުން އަންނަ މީހުންގެ އަދަދު އިތުރުވުމުގެ ސަބަބުން ސައިޕްރަސްގައި ގިނަވެފައިވާ ކަމުގެ ޝަކުވާ ކުރަމުންދާތީ ރެފިއުޖީންނާއި އެސްލިއުމް ހޯދާ މީހުން ބޭރުވުން ހުއްޓުވުމަށް ޔޫރަޕިއަން ޔޫނިއަން އިން ލުބުނާނާ އެކު އެއްބަސްވުމެއް ހެދިދާނެ ކަމަށެވެ.

ހަމައެހެންމެ އީޔޫއިން ވަނީ ހިޖުރަކުރުމުގެ ބުރަ ބޮޑުވަމުންދާތީ އެކަމަށް އެހީތެރިވުމުގެ ގޮތުން ގިނަ ގައުމުތަކަކާއެކު އެއްބަސްވުންތަކެއް ހަދާފައެވެ. މި އެއްބަސްވުންތަކަށް އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން ދަނީ ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.

ޓެގްސް: ލެބަނަން ސައިޕްރަސް މެދުއިރުމަތި ސީރިއާ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.