ރައީސް މުޢިއްޒު ތަސްދީޤުކުރެއްވުމަށް ސޮއިކުރައްވަނީ

ހަބަރު

ޕާޓީ ބަދަލުކުރުމުން އިންތިޚާބީ ގޮނޑިތައް ގެއްލޭ ބިލް ރައީސް ތަސްދީޤުކުރައްވައިފި

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 17 އޭޕުރިލް 2024 , ބުދަ 08:56   607

ޕާޓީ ބަދަލުކުރުމުން ގޮނޑިގެއްލޭ ބިލް (އެންޓި ޑިފެކްޝަން ބިލު) ރައީސް ތަސްދީޤުކުރައްވައިފިއެވެ.

މި ބިލް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިންނެވެ. ބިލް ފާސްކުރުމަށްފަހު ތަސްދީޤުކުރުމަށް ރައީސުލްޖުމްހޫރިއްޔާއަށް ފޮނުވާފައިވަނީ މި ހިނގާ އޭޕްރިލްމަހުގެ 1 ވަނަ ދުވަހުއެވެ.

މި ބިލާއިއެކު، ވަކި ސިޔާސީ ޕާޓީއެއްގެ ޓިކެޓްގައި ވާދަކޮށްގެން، ސިޓީ ކައުންސިލްތަކަށާއި، އަތޮޅު ކައުންސިލްތަކަށާއި، ރަށު ކައުންސިލްތަކަށާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް އިންތިޚާބުވުމަށްފަހު، އެ އިންތިޚާބުވި ދައުރުގެ ތެރޭގައި، އިންތިޚާބުވި ޕާޓީގެ މެންބަރުކަމުން އެ މީހަކު ވަކިކޮށްފިނަމަ، ނުވަތަ އަމިއްލައަށް ވަކިވެއްޖެނަމަ، ނުވަތަ އެހެން ޕާޓީއެއްގެ މެންބަރަކަށް ވެއްޖެނަމަ ގޮނޑިގެއްލޭނެއެވެ.

އަދި އަމިއްލަ ގޮތުން އިންތިޚާބުވެފައިވާ މެންބަރަކު އެ މީހަކު އިންތިޚާބުވި ދައުރުގެ ތެރޭގައި ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ވެއްޖެނަމަ އެފަދަ މެންބަރެއްގެ ގޮނޑިއާމެދު ޢަމަލުކުރާނޭ ގޮތް ކަނޑައެޅުމާއެކު، އެފަދައިން ގޮނޑި ހުސްވާ ޙާލަތްތަކުގައި ބައި-އިލެކްޝަން ބޭއްވުމާގުޅޭ އުޞޫލުތަކާއި އިޖުރާއަތުތައް މި ބިލުގައި ބަޔާންކޮށްފައިވެއެވެ.

ބިލުގައި މައިގަނޑު މަޤްޞަދުގެ ގޮތުގައި ބަޔާންކޮށްފައިވަނީ، ރައްޔިތުން އިންތިޚާބުކުރާ މަޤާމުތަކުގައި ތިބޭ މީހުންނަކީ ތަފާތު ސިޔާސީ އަދި މާލީ ނުފޫޒުން އެއްކިބާވެފައިވާ އަދި، ޢާންމު ރައްޔިތުންގެ މެދުގައި އިތުބާރާއި ޔަޤީންކަން ލިބިގެންވާ ބައެއްކަމަށް ހެދުމެވެ.

ބިލު ތަސްދީޤުކުރެއްވުމާއި ގުޅިގެން މި ބިލު މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރައްވާފައެވެ. ހަމައެއާއެކު، މިއަދުން ފެށިގެން މި ޤާނޫނަށް ޢަމަލުކުރަން ފެށޭނެއެވެ.

މި ބިލް ތަސްދީޤުކުރެއްވުން ލަސްވާތީ އިދިކޮޅު އެމްޑީޕީ އިން އައީ ސަރުކާރަށް ފާޑުކިޔައި ނުރުހުން ފާޅުކުރަމުންނެވެ.

މިލިޔުމާއި ގުޅޭ:

ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭގޮތަށް ޤާނޫނުގައި އޮންނަން ސަރުކާރުން ބޭނުން ނުވޭ - ރައީސް ސޯލިޙް

ޓެގްސް: ރައްޔިތުންގެ މަޖިލިސް ޤާނޫނަށް ބަދަލުގެނައުން ޑރ. މުއިއްޒު
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.