ތައިވާނާއި ގުޅޭގޮތުން ޗައިނާއާއި އެމެރިކާ އާއި ދެމެދު ވަރުގަދަ ބަހުގެ ހަމަލާތަކެއް ބަދަލުކޮށްފިއެވެ.
ޖަޕާނަށް ކުރައްވަމުން ގެންދާ ރަސްމީ ދަތުރުފުޅުގައި އެޤައުމުގެ ބޮޑުވަޒީރު ފުމިޔޯ ކިޝީޑާއާއެކު ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުގައި ވާލަކަފުޅުދައްކަވަމުން އެމެރިކާގެ ރައީސް ގޯ ބައިޑަން ވަނީ ޗައިނާއަށް ތައިވާނާ ގުޅޭގޮތުން ވަރުގަދަ ބަހުގެ ހަމަލާތަކެއް ދެއްވާފައެވެ. ބައިޑަން ވިދާޅުވީ ޗައިނާއިން ތައިވާނަށް ޙަމަލާދީފި ޙާލަތެއްގައި ބާރުގެ ބޭނުންކޮށްގެން އެ ޤައުމު ދިފާޢުކޮށްދެއްވާނެކަމަށެވެ. އަދި ޗައިނާގެ ސިޔާދަތަށް އެމެރިކާއިން އިޙުތިރާމުކުރި ނަމަވެސް ތައިވާނާ ދެކޮޅަށް ބާރުގެ ބޭނުންކުރަން ފުރުޞަތު ނުދެއްވާނެކަމަށެވެ. އެފަދަ ކަމެއް ޗައިނާއިން ކުރުމަކީ އެމެރިކާއަށް ބަލައިގަނެވޭނެކަމެއް ނޫންކަމަށާއި އެއީ ޗައިނާއިން ޢަމަލުކުރަން ބޭނުންވާނެ ގޮތްކަމަށް ޤަބޫލުނުކުރައްވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ދެކުނު ޗައިނާ ކަނޑުގައި އޮންނަ ޤައުމު، ތައިވާންގެ ނަމަކީ ރިޕަބްލިކް އޮފް ޗައިނާއެވެ. ބޮޑު ޗައިނާގެ ނަމަކީ ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާއެވެ. ތައިވާންއަކީ 1949 ވަނައަހަރު ކޮމިއުނިސްޓުން ވެރިކަމާ ހަވާލުވުމާއެކު، އޭރު ޗައިނާގެ ވެރިކަމުގައި ތިއްބެވި ބޭފުޅުން އެމެރިކާގެ އެހީގައި ފިއްލަވައިގެން ވަޑައިގެންނެވި ޗައިނާގެ ސަރަހައްދެވެ. އެމެރިކާއިން އޭރު ޗައިނާ ކަމަށް ގަބޫލުކުރީ ތައިވާން އަށެވެ. ނަމަވެސް 1971 ގައި އެމެރިކާގެ ސިޔާސަތު ބަދަލުވެގެން ދިޔައެވެ. މިހެން ނަމަވެސް ތައިވާނަށް ހަތިޔާރު ވިއްކައި، އަސްކަރީ ގޮތުން އެހީތެރިވުމުގެ ކަންތައް އެމެރިކާއިން މިއަދާޖެހެންދެންވެސް ކުރިއަށް ގެންދެއެވެ.
ތައިވާނަކީ އެމެރިކާ ސްޓައިލްގެ ވެރިކަމުގެ ނިޒާމަކާއި އެމެރިކާއަށް ކިޔަންވެ ބޯލަނބާ ވެރިކަމުގެ ނިޒާމެއް އޮންނަ ގައުމެއްކަން ފާހަގަކޮށްލެވެއެވެ. އަދި ތައިވާނުގެ ކަނޑުއޮޅިއަކީ ޗައިނާގެ ވިޔަފާރީގެ މައި ކަނޑުއޮޅިވެސްމެއެވެ.
ޒަމާނުއްސުރެ ޗައިނާއިން ވަކާލާތުކުރާ ގޮތުގައި ތައިވާނުގައި ވަކި ސަރުކާރެއް އޮތަށްކަމަކު އެ ގައުމުން އަމަލުކުރަންޖެހޭނީ ޗައިނާގެ ސިޔާސަތުތަކަށެވެ. އަދި ތައިވާން ވެގެންދާނީ ޗައިނާގެ ބަޔަކަށް ކަމަށާއި އެއީ މިނިވަން ޤައުމެއް ނޫން ކަމުގައެވެ. ޗައިނާގެ ވާހަކަތައް މިހެން ހުރިކަމުގައި ވިޔަސް ފާއިތުވިއަހަރުތަކުގައި ތައިވާނުންދަނީ މިނިވަން ޤައުމެއްގެ ގޮތުގައި އިއުލާނުކުރުމަށް ބޭނުންވާ ކަމުގެ ވާހަކަތައް ރަސްމީ ސިފައެއްގައި ދައްކާފައެވެ. އަދި މިވާހަކަތަކައް ރައްދު ދެމުން ޗައިނާއިން ވަނީ ތައިވާނުން މިނިވަންކަން އިއުލާނު ކޮށްފި ހާލަތެއްގައި އެ ޤައުމަށް ހަމަލާދޭނެކަމުގެ އިންޒާރުދީފައެވެ.

ބައިޑެންގެ ވާހަކަތަކައް ރައްދު ދެއްވަމުން ޗައިނާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ވާންގް ވެން ބިން ވިދާޅުވީ އެމެރިކާ ކުޅެން އެއުޅެނީ އަލިފާނާ ކަމަށެވެ. އަދި އެއަލިފާނުން އެންމެ ފުރަތަމަ އަނދައިގެންދާނެ ބަޔަކީ ޙުދު އެމެރިކާ ކަމުގައެވެ. މީގެ އިތުރުން އޭނާ ވިދާޅުވީ ތައިވާންއަކީ ޗައިނާގެ ސަރުކާރާ ދެކޮޅަށް ބަޣާވަތުގެ ވެރިކަމެއް ގާއިމުކޮށްގެން އުޅޭ ޗައިނާގެ ސަރަހައްދީ ހިސާބެއްކަމަށާއި ތައިވާނާ ޗައިނާއާ ދެމެދު ހިނގާ ކަންކަމަކީ ޗައިނާގެ ދާޙިލީ ކަމެއްކަމުގައެވެ. ހަމައެހެންމެ އެ ޤައުމުގެ ދާޙިލީ ކަންކަމުގެ ތެރެއަށް ވަނުމުގެ ފުރުސަތެއް އެމެރިކާއަށް ނޯންނާނެ ކަމަށާއި އެކަން ކުރަން އުޅުމަކީ އަލިފާނާ ކުޅުންކަން އެމެރިކާއިން ހަނދާންކުރަންޖެހޭކަމަށް އޭނާ ވިދާޅުވިއެވެ.

ޗައިނާއާ ދެކޮޅަށް އެ މޭރުމުން ބައިޑަން ވާހަކަފުޅުދެއްކެވި ނަމަވެސް އެމެރިކާއިން ބުނެފައިވަނީ ތައިވާނާ ގުޅޭގޮތުން އެ ޤައުމުން ގެންގުޅޭ ސިޔާސަތަކަށް ބަދަލެއް ނާންކަމަށެވެ. މީގެ ކުރިންވެސް ތައިވާނާ ގުޅޭގޮތުން ބައިޑަންވަނީ އެމެރިކާގެ ސިޔާސަތުތަކާ ޚިލާފަށް ވާހަކަފުޅުދައްކަވައިފައެވެ.
ޗައިނާއަކީ އެމެރިކާގެ ކޮންމެ ތަނަކަށް ކޮންމެ ވަގުތަކުވެސް ނިއުކްލިޔާ ހަމަލާދެވޭވަރުގެ ހައިޕާ ސޮނިކް ނިއުކްލިޔާ މިސައިލްއާއި އެހެނިހެން ފަނާކުރަނިވި ހަތިޔާރުހުރި ބާރުގަދަ ގައުމެކެވެ. އަދި މި މައްސަލާގައި އެމެރިކާ ޗައިނާއާ ދެކޮޅަށް އަސްކަރީ ބާރު ބޭނުންކޮށްފިނަމަ ޗައިނާއާއި އެމެރިކާއާ ދެމެދު އަސްކަރީ ވަރުގަދަ ކުރިމަތިލުމެއް ފެށި، މިއުކްލިޔާ ހަނގުރާމައެއް ހިނގާނެކަމަށާއި، އޭގެ ނަތީޖާއެއްގެ ގޮތުން ދުނިޔޭގެ ތިންވަނަ ބޮޑުހަނގުރާމަ ފެށިގެންދާނެ ކަމުގެ ބިރު އެބައޮތް ކަމަށް ކަމާބެހޭ މުހައްލިލުން ލަފާކުރެއެވެ.
ހަމައެހެންމެ އެމެރިކާއިން މިފަދަ އިނަޒާރެއް ޗައިނާއަށް ދިންކަމުގައި ވިޔަސް ތައިވާނަށް ޒަމާނީ ހަތިޔާރު ފޯރުކޮށްދިނުން ފިޔަވައި ޗައިނާއާ ދެކޮޅަށް އެމެރިކާ އިތުރުކަމެއް މުކުރެވޭނެ ކަމަށް ގިނަ މުހައްލިލުން އަންދާޒާކުރައްވައެވެ.