ވޯލްޑް ބޭންްކް މައި އޮފީހުގެ ބޭރު

ވިޔަފާރި

ޖީއެސްޓީގެ އިތުރުން، ވޯލްޑްބޭންކުން އިސްލާހީ ގިނަ ހުށަހެޅުންތަކެއް ހުށަހަޅައިފި

ދާނިޝް - ދިވެހި ރާއްޖެ | 10 އޯގަސްޓު 2022 , ބުދަ 07:00   394

ރާއްޖެއިން ޖީއެސްޓީއަށް ގެންނަން ހުށަހެޅި ބަދަލުތަކަށް ވޯލްޑް ބޭންކްއިން މަރުހަބާ ކިޔައި ކަމާއި އިޤްތިޞާދީ އިސްލާހުތައް ތަންފީޒުކުރުމަށް ސަރުކާރަށް އެއްބާރުލުން ދޭނެކަން ވޯލްޑް ބޭންކްއިން ހާމަކޮށްފިއެވެ.

2002 ވަނަ އަހަރަށްފަހު ވޯލްޑު ބޭންކުން ރާއްޖެއަށް ޙާއްސަކޮށް، ނެރުނު މޯލްޑިވްސް ޕަބްލިކް އެކްސްޕެންޑިޗާ ރިވިއު (ޕީއީއާރު) ރިޕޯޓުގައި ބުނެފައިވަނީ ކޯވިޑް-19އާ ގުޅިގެން ރާއްޖޭގެ އިގްތިޞާދަށް އޭގެކުރިން ދުވަހަކު ވެސް ކުރިމަތި ނުވާވަރުގެ ބޮޑު ލޮޅުމެއް އެރައިފައިވާކަން ވަނީ ފާހަގަކޮށްފައެވެ. އެއާއި އެކު ސަރުކާރުގެ މުވައްސަސާތަކުގެ ހަރަދުތައް ހަރުދަނާ ގޮތެއްގައި ރާވައި، ރަނގަޅު، ފައިދާ ކުރުވަނި ގޮތަކަށް ދަރަނީގެ ކަންކަން ބެލެހެއްޓުމަކީ ރާއްޖޭގެ އިޤްތިސާދަށް ބޭނުންވާ ތަރައްގީ ގެނައުމަށްޓަކައި ބޭނުންވާ އާމްދަނީ އިތުރުކުރުމަށް މަގުފަހިވާނެ ކަމެއްގެ ގޮތުގައި މި ރިޕޯޓްގައި ވަނީ ބުނިފައެވެ.

މީގެ އިތުރުން އެ ރިޕޯޓުން ހާމަވި ގޮތުގައި ފާއިތުވެދިޔަ ފަސް އަހަރުގެ ތެރޭގައި ދައުލަތުގެ ޚަރަދުތަކާއި ދަރަނި ބޮޑުވުމުގެ ބޮޑުބައެއް ހިއްސާކޮށްފައި ވަނީ އަސާސީ ޚިދުމަތްތަކާއި އުމްރާނީ ތަރައްގީގެ ވަސީލަތްތައް، މީގެތެރެއިންވެސް ޚާއްސަކޮށް ބޯހިޔާވަހިކަމަށް، އިންވެސްޓްކުރުމަށެވެ.

އެހެންނަމަވެސް މި އިންވެސްޓްމަންޓްތަކުގެ ސަބަބުން ދިގު ރާސްތާގައި ރާއްޖޭގެ ތަރައްގީއަށް ފައިދާކުރި ނަމަވެސް، ދައުލަތުގެ ޚަރަދުތައް މިހާރަށްވުރެ ހަރުދަނާ، ދެފުށްފެންނަ އަދި އެންމެ ބޭނުންޖެހިފައިވާ ފަރާތްތަކަށް އަމާޒުކޮށްގެން ކުރެވޭ އިންވެސްޓްމަންޓްތަކަށް ހެދުމަކީ، ދައުލަތުގެ ޚަރަދުތަކާއި ދަރަނި މަތިވިޔަ ނުދީ ހިފެހެއްޓުމަށް ކޮންމެހެން ކުރަންޖެހޭ ކަމެއްކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.

ހަމައެއާއިއެކު މި ރިޕޯޓުގައި ދިވެހިރާއްޖޭގެ މާލީ ފުދުންތެރިކަން އިތުރުކުރުމަށް އެޅޭނެ އިސްލާހީ ފިޔަވަޅުތަކެއް ވަނީ ހިމެނިގެންގޮސްފައެވެ. އޭގެ ތެރޭގައި، އިންކަމް ޓެކްސް ނަގަން ފަށާ މިންގަނޑު ދަށްކުރުމާއި، އާންމު ޖީއެސްޓީ އަދި ޓޫރިޒަމް ދާއިރާގެ ޖީއެސްޓީ ރޭޓް މަތިކުރުންފަދަ ފިޔަވަޅުތަކާއި އެކު، ޚާއްސަ ގޮތެއްގައި ރާއްޖޭގެ އެތެރޭގެ ވަސީލަތްތައް މެދުވެރިކޮށް އިތުރުކުރުން ހިމެނެއެވެ. އަދި ދައުލަތުގެ ދަރަންޏާއި ގެރެންޓީތައް މިހާރަށް ވުރެ ރަނގަޅަށް މެނޭޖްކުރުމަށް، ދައުލަތުން ދީފައިވާ ގެރެންޓީތައް ހިމެނުމަށްޓަކައި ދައުލަތުގެ މާލިއްޔަތަށް ޒިންމާވުމުގެ ގާނޫނު އިސްލާހު ކުރުމާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ސަބަބުން ކުރިމަތިވާ މާލީ ގޮންޖެހުންތައް މިހާރަށް ވުރެ ހަރުދަނާކޮށް މޮނިޓަރކުރުމަށް މި ރިޕޯޓްގައި ވަނީ ލަފާދީފައެވެ.

ޕީއީއާރު ރިޕޯޓުގައި ހުށަހަޅާފައިވާ ގިނަ އިސްލާހުތަކުގެ ތެރޭގައި ބޯހިޔާވަހިކަމުގެ ދާއިރާގައި، އާމްދަނީއަށް ބިނާކޮށް ޓާގެޓްކޮށްގެން ސިޔާސަތުތައް ތަންފީޒު ކުރުން ހިމެނެއެވެ. މިއީކުލި ދައްކަމުންގޮސް ގެދޮރު އަމިއްލަ ކުރުމަށް ހިންގާ ޕްރޮގްރާމް ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމަށް ވެސް އެހީތެރިވެދޭނެފަދަ އުސޫލެކެވެ. ހަމައެހެންމެ ދައުލަތުގެ މުވައްޒަފުންގެ އުޖޫރައާއި ގުޅޭގޮތުން ރިޕޯޓުގައި ނުހަމަކަން ހުންނަ ޢިނާޔަތްތަކުގެ ތެރެއިން ގިނަ ޢިނާޔަތްތައް އެއްހަމަކޮށް ނުވަތަ ދިނުން ހުއްޓާލާއި އަދި އިތުރު ގަޑީގެ އިނާޔަތް ވެސް ވަކި ވަރެއްގައި ހިފެހެއްޓުމަށް ވަނީ އިސްލާހުގެނެފައެވެ.

ވޯލްޑް ބޭންކުން ނެރެފައިވާ ރިޕޯޓްގައި އިތުރަށް ވަނީ ސިވިލް ސާވިސްގައި އޮތް "ޑަބަލް ޕެންޝަން" ނައްތާލައި، ޕެންޝަން ނިޒާމުގެ ފައިދާ ލިބޭ މިންވަރު ހަރުދަނާކުރުމަށްޓަކައި، މިހާރު ރިޓަޔާކޮށްފައިވާ މީހުންނަށާއި މުސްތަގުބަލުގައި ރިޓަޔާ ކުރާ މީހުންނަށް، މި ސްކީމްގެ ފައިދާ ލިބޭނެ ގޮތްތަކެއް ހަމަޖެއްސުމަށްޓަކައި އިސްލާހީ ބަދަލުތަކެއް ހުށަހަޅައިފައެވެ.

ޓެގްސް: ވޯލްޑްބޭންކް އިގްތިޞޯދު
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.