ހުކުރު ދުވަހު ހަވީރު އައްޑޫ ސްޓޭޑިއަމްގައި ކުޅުނު، ވެން އޫދް އެފްއޭއެމް އިންޓަރސްކޫލް ފުޓުބޯޅަ މުބާރާތުގެ ސެމީ ފައިނަލްގައި ހިތަދޫ ސްކޫލާއި ވާދަކޮށް މެޗު ކާމިޔާބުކުރީ ޝަރަފުއްދީން ސްކޫލުންނެވެ.
މިމެޗް ނިމުނީ 3-2 ގެ ނަތީޖާއަކުންނެވެ. މިނަތީޖާއާއި އެކު ހޯމަ ދުވަހު އޮންނަ މުބާރާތުގެ ފައިނަލްގައި އެއްކޮޅުން ނިކުންނާނީ ޝަރަފުއްދީން ސްކޫލެވެ. އަނެއްކޮޅުން ނިކުންނަ ޓީމު ކަށަވަރުވާނީ މިއަދު އޮންނަ ސެމީފައިނަލްގެ ދެވަނަ މެޗަށް ފަހުއެވެ. މިމެޗުގައި ބައްދަލު ކުރާނީ ފޭދޫ ސްކޫލާއި ސ.އަތޮޅު ސްކޫލެވެ.
---
މެޗުގެ ފުރަތަމަ ގޯލް ޖަހައިދީފައިވަނީ މެޗުގެ އެންމެ ފުރަތަމަ މިނެޓުގައި ޝަރަފުއްދީން ޓީމުގެ ޢަބްދުއްﷲ އަބްސަލް އަހުމަދެވެ. އޭނާ ވަނީ މެޗުގެ ޕްލޭޔަރ އޮފްދަ މެޗުކަން ވެސް ހޯދާފައެވެ.
ޝަރަފުއްދީނަށް ދެވަނަ ގޯލް ޖަހައިދިނީ 17 ވަނަ މިނެޓުގައި އަހުމަދު ލާދިން ރަޝީދެވެ.
މެޗުގެ ފުރަތަމަ ހާފް ނިމެން ކައިރިވެފައިވަނިކޮށް ހިތަދޫސްކޫލަށް ފުރަތަމަ ގޯލްޖަހައިދިނީ އެޓީމްގެ މުޙައްމަދު އަލްޔާން އަލީއެވެ.
ދެވަނަ ހާފްގައި ޝަރަފުއްދީނުން އަނެއްކާވެސް ގޯލެއް ޖެހިއެވެ. މިގޯލް ޖަހައިދީފައިވަނީ މުޙައްމަދު ރާކިން ޠާއިފް މަޖީދެވެ.
ހިތަދޫ ސްކޫލުން އޭގެ 6 މިނެޓް ފަހުން އަނެއްކާވެސް ގޯލެއްޖަހައި ހިތްވަރު އާކުރިއެވެ. ނަމަވެސް ނަތީޖާއަށް ބަދަލު ގެނެވޭވަރެއް ނުވިއެވެ.
---
މެޗުގައި ޝަރަފުއްދީން ސްކޫލްގެ މުޙައްމަދު ނާހް ނާޒިމް އަދި މުހައްމަދު ނާވީ އަޒްވާރަށް ރީނދޫ ކާޑު ދައްކާފައިވެއެވެ.
މެޗުގެ ރެފްރީކަން ކޮށްފައިވަނީ އަބްދުލް މަސީޙްއެވެ. އިތުރު ރެފްރީންގެ ގޮތުގައި ޙަރަކާތްތެރިވެފައިވަނީ މޫސާ ފަތުޙީ، ހަސަން އާމިރު، އަދި މުޙައްމަދު އިޔާދެވެ.
---
މިމެޗުގެ އެކްސްޕްރެސް ނޫސް މެދުވެރިކޮށް ލައިވްސްޓްރީމްކޮށް ވަގުތުން ދުރަށް ދައްކާފައިވެއެވެ. މިއަދުގެ ސެމީ ފައިނަލްގެ ދެވަނަ މެޗުވެސް ލައިވްސްޓްރީމް ކުރެވިގެންދާނެއެވެ.
މެޗުގެ ފޮޓޯތައް :
ލައިވްޓްރީމް/ ރެކޯޑިންގ


އިތުރު މަޢްލޫމާތު
މި މުބާރާތަކީ މޭމަހުގެ 8 އިން 22 އަށް، ޔުނިޓީ ފައުންޑޭޝަން އާއި ގުޅިގެން ފުޓުބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ މުބާރާތެކެވެ. މުބާރާތުގައި އައްޑޫގެ އަށް ސްކޫލަކާއި ގއ. ގެމަނަފުށި ސްކޫލް އިން 15 އަހަރުން ދަށުގެ ޖުމްލަ ނުވަ ޓީމެއް ބައިވެރިވާނެއެވެ.
އެހެން އަހަރުތަކާއި ޚިލާފަށް، މުބާރާތުގެ ޚާއްޞަކަމެއްގެ ގޮތުގައި، footballmaldives.com ގެ ނަމުގައި އިންތިޒާމްކުރާ ފަރާތުން ވަނީ ވެބްސައިޓެއްވެސް ލޯންޗްކޮށްފައެވެ. މި ވެބްސައިޓް މެދުވެރިކޮށް ޓީމްތަކާއި، ކުޅުންތެރިން، އަދި މެޗްތަކުގެ އެންމެ ފަހުގެ އަޕްޑޭޓްސް ލިބެން ހުންނާނެކަމަށް އިންތިޒާމްކުރާ ފަރާތުން މަޢްލޫމާތު ދެއްވާފައިވެއެވެ.
މުބާރާތުގެ ޓައިޓްލް ސްޕޮންސަރަކީ ވެންއޫދް އެވެ. ކޯ-ސްޕޮންސަރުންނަނީ ޕާސްކަލް-ސޯސަން ފިހާރަ އަދި ހެޕީ މާކެޓް އެވެ. ބޭންކިން ޕާޓްނަރަކީ ބޭންކް އޮފް މޯލްޑިވްސް އެވެ. ޕްރިންޓިން ޕާޓްނަރަކީ ކޮންޓްރޯލްޕީ އެވެ. އަދި އޮފިޝަލް މީޑިއާ ޕާޓްނަރަކީ އެކްސްޕްރެސް ނިއުސް އެވެ.