ނައިޖާ ޖުންޓާގެ ތަރުޖަމާނު ވިދާޅުވީ، އެމެރިކާގެ ރާގަކީ ހަރުކަށި ވިސްނުމެއް ކަމަށާއި، ނައިޖަރުގެ ސިޔާދަތަށް ނުރައްކާވާ ކަމަށެވެ.

ދީން

ނައިޖާއިން އެމެރިކާއާ އެކު އަސްކަރީ އެއްބާރުލުން މެދުކަނޑާލައިފި

ދާނިޝް - އެފްރުކާ | 18 މާރޗް 2024 , ހޯމަ 10:42   132

ނައިޖާއިން އެމެރިކާއާ އެކު ހަދާފައިވާ އަސްކަރީ އެއްބަސްވުން މިހާރުން މިހާރަށް މެދުކަނޑާލާފައިވާ ކަމަށް ވެރިކަން ކުރާ އަސްކަރިއްޔާގެ ތަރުޖަމާނު ކާނަލް އަމާޑޫ އަބުދުރަމާނޭ ވިދާޅުވެއްޖެ އެވެ.

މި އެއްބަސްވުމުގެ ދަށުން އެފްރިކާގެ ސަހެލް ސަރަޙައްދުގައި އެމެރިކާގެ އަސްކަރިއްޔާއިން ހިންގާ އޮޕަރޭޝަންތަކުގައި މައިގަނޑު ދައުރެއް އަދާކުރާ އަދި ބޮޑު އެއަރބޭސްއެއް އޮންނަ ނައިޖަރުން އެމެރިކާގެ އަސްކަރިއްޔާއާއި މަދަނީ ދިފާޢީ މުވައްޒަފުންނަށް ހަރަކާތްތެރިވުމުގެ ފުރުސަތު އެމެރިކާއަށް ލިބިދިނެވެ.

ނައިޖާއިން މި އެއްބަސްވުން މެދުކަނޑާލިކަން އިއުލާނު މި ކުރީ އެމެރިކާގެ އެސިސްޓެންޓް ސެކްރެޓަރީ އޮފް ސްޓޭޓް ފޮރ އެފްރިކަން އެފެއާޒް މޯލީ ފީ އާއި ޔޫއެސް އެފްރިކާ ކޮމާންޑުގެ ވެރިޔާ ޖެނެރަލް މައިކަލް ލެންގްލީ އިސްވެ ހުންނަވައިގެން އެމެރިކާގެ އިސް އޮފިޝަލުން ހުޅަނގު އެފްރިކާގެ އެ ގައުމަށް ވަޑައިގެން ޑިމޮކްރެޓިކް ބަދަލުތަކާ ބެހޭ ގޮތުން މަޝްވަރާ ކުރައްވާފައި ވަނިކޮށެވެ.

މީގެ އިތުރުން އެމެރިކާގެ ވަފުދުން ޑިޕްލޮމެޓިކް ޕްރޮޓޮކޯލަށް ތަބާނުވާ ކަމަށާއި އެ ވަފުދުއެކުލެވިގެންވާ ގޮތާއި، އެ ވަފުދު އައި ތާރީހާއި އެޖެންޑާއާ ބެހޭ ގޮތުން ނައިޖާއަށް އަންގާފައި ނުވާ ކަމަށް އަބްދްރަމާނޭ ދެއްވި ނޫސްބަޔާނުގައި ވިދާޅުވެފައި ވެއެވެ.

އަބުދުރަމާނޭ ވިދާޅުވީ ޓެރަރިޒަމާ ދެކޮޅަށް ހަގީގަތުގައި ވެސް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގާބިލުކަން ލިބިފައިވާ ބައިވެރިންނާއި ޕާޓްނާޝިޕްގެ ބާވަތްތައް ކަނޑައެޅުމުގެ ހައްގު އެމެރިކާގެ ވަފުދުން ނިގުޅައިގަތުން އެމެރިކާގެ ވަފުދުގެ ވިސްނުމާ މެދު ހިތާމަކުރާ ކަމަށެވެ.

އެމެރިކާގެ އަސްކަރިއްޔާގެ 650 އެއްހާ ސިފައިން މިދިޔަ ޑިސެމްބަރު މަހު ނައިޖާގައި މަސައްކަތް ކުރި ކަމަށް ވައިޓް ހައުސްއިން ކޮންގްރެސްއަށް ފޮނުވި ރިޕޯޓެއްގައި ވާކަން ފާހަގަ ކޮށްލެވެއެވެ. އެމެރިކާގެ އަސްކަރިއްޔާއިން ނައިޖަރުގެ ވެރިރަށް ނިއާމޭއާ ގާތްގަނޑަކަށް 920 ކިލޯމީޓަރު (572 މޭލު) ދުރުގައި އޮންނަ ނައިޖާގެ އަގަޑޭޒް ސިޓީގައި ބޮޑު އެއާބޭސްއެއް ހިންގަމުން އަންނައިރު، އެ އެއާބޭސް ބޭނުންކުރަނީ އިންސާނުންނާ ނުލައި ކުރާ ސަވައިލަންސް ފްލައިޓްތަކަށާއި އެހެނިހެން އޮޕަރޭޝަންތަކަށެވެ.

އަގަޑޭޒް ކައިރީގައި އެއާ ބޭސް 201 ގެ ނަމުގައި ޑްރޯން ބޭސްއެއް ހަދާފައިވަނީ 100 މިލިއަނަށް ވުރެ ގިނަ ޑޮލަރު ޚަރަދުކޮށްގެންނެވެ. 2018 ވަނަ އަހަރުން ފެށިގެން އެ ބޭސް ބޭނުންކުރަމުން ދަނީ ސަހެލް ސަރަހައްދުގައި ހަރަކާތްތެރިވާ އައިއެސްއައިއެލް (އައިއެސް) ގެ ހަނގުރާމަވެރިންނާއި އަލްގައިދާއާ ގުޅިފައިވާ ޖަމާއަތެއް ކަމަށްވާ ޖަމާއަތު ނުސްރަތު އަލް އިސްލާމް ވަލް މުސްލިމީން (ޖޭއެންއައިއެމް) އަށެވެ.

މިއާއި އެކު ނައިޖާއިން އެމެރިކާއާއި ދެމެދު އަސްކަރީ ގުޅުން މެދުކެނޑުމާއި އެ ކަމުގެ ނޭދެވޭ އަސަރު އެމެރިކާއަށް ވަރަށް ބޮޑަށް ކުރާނެ ކަމަށް ކަމާބެހޭ ފަރާތްތަކުން ދެކެއެވެ.

އެއީ ނައިޖަރަކީ ހުޅަނގާއި އުތުރު އެފްރިކާގައި އެމެރިކާގެ އޮޕަރޭޝަންތަކުގެ މައި މަރުކަޒު ކަމަށްވެ، ހާއްސަކޮށް އެމެރިކާގެ ސަރުކާރުން މިހާތަނަށް ހިންގި އެންމެ އަގުބޮޑު ކޮންސްޓްރަކްޝަން ޕްރޮޖެކްޓް ކަމަށްވާ އެއާ ބޭސް 201 ގައި އެއާ ޓެރަރިޒަމްގެ އޮޕަރޭޝަންތަކާ ދެކޮޅަށް ހަނގުރާމަކުރަން އޮތް ތަނެއް ނަމަވެސް ހަގީގަތުގައި އެއި ރަޝިއާ އާއި ޗައިނާ ފަދަ ގައުމުތަކާ ދެކޮޅަށް ހިންގާ ބޮޑެތި އޮޕަރޭޝަންތަކަށް މުހިންމު ބޭސް އެއް ކަމަށް ބެލެވެއެވެ.

މިދިޔަ އޮކްޓޫބަރު މަހު ވޮޝިންޓަނުން ރަސްމީކޮށް ނައިޖާގެ އަސްކަރިއްޔާއިން ގައުމުގެ ވެރިކަން ކުރުމަކީ ބަޣާވާތެއްގެ ގޮތުގައި ކަނޑައަޅާފައިވެ އެވެ. ނަމަވެސް މިދިޔަ ޑިސެމްބަރު މަހު އެމެރިކާއިން އެފްރިކާއަށް ކަނޑައަޅުއްވާފައި ހުންނަވާ އެންމެ އިސް މަންދޫބު ފީ ވިދާޅުވީ ނައިޖަރުން ވަކި ޝަރުތުތަކެއް ފުރިހަމަކޮށްފިނަމަ އެހީއާއި ސަލާމަތީ ގުޅުންތައް އަލުން އިއާދަކުރަން އެމެރިކާ އިން ތައްޔާރަށް އޮތް ކަމަށެވެ.

ނައިޖާގެ އަސްކަރިއްޔާއިން ބުނީ ނައިޖަރުން ރަޝިޔާ އާއި އީރާނާ އެކު "ސިއްރު" އެއްބަސްވުންތަކުގައި ބައިވެރިވާ ކަމަށް ވަފުދުން ތުހުމަތުކޮށްފައިވާ ކަމަށާއި ނަމަވެސް ސަރުކާރުން އެކަން ދޮގުކުރާ ކަމަށެވެ. އަސްކަރިއްޔާގެ އޮފިޝަލުން އިތުރަށް ވިދާޅުވީ ނިއާމީ އިން ދެ ގައުމާ ގުޅުން ކަނޑާނުލައިފި ނަމަ ނައިޖާއާ ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އެމެރިކާއިން ދީފައިވާ ކަމަށެވެ.

ތަރުޖަމާނު އަބުދުރަމާނޭ އިތުރަށް ވިދާޅުވީ، އެމެރިކާގެ ވަފުދުގެ އިސްވެރިޔާ ނައިޖީރިއަން ސަރުކާރާއި ރައްޔިތުންނާ މެދު ބަދަލު ހިފާނެ ކަމުގެ އިންޒާރާއެކު އަސްކަރީ ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.

ނައިޖަރުގައި އަސްކަރީ ވެރިކަމެއް ހިނގަމުން ދަނީ 2023 ވަނަ އަހަރުގެ ޖުލައި މަހުން ފެށިގެން ޖެނެރަލް އަބުދުރަހަމާނޭ ތިޔާނީ އިސްވެ ހުންނަވާ އެލީޓް ގާޑް ފޯސްއަކުން ރައީސް މުހައްމަދު ބަޒޫމް ހިފަހައްޓައި، ތިޔާނީ ރަސްކަލެއްގެ ގޮތުގައި ކަނޑައެޅުމުންނެވެ.

އަވަށްޓެރި މާލީ އާއި ބުރްކީނާ ފާސޯގެ އަސްކަރީ ވެރިންނެކޭ އެއްފަދައިން ނައިޖަރުން ވެސް ވަނީ ފަރަންސޭސިވިލާތާއި ޔޫރަޕްގެ އެހެން ބާރުތައް ބޭރުކޮށްލާފަ އެވެ.

ޓެގްސް:
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.