ޗެމްޕިއަންސް ލީގުގެ ތަށި ހިފައިގެން އެޑިން ހަޒާޑް

ކުޅިވަރު

ކުރީގެ ޗެލްސީ އަދި ރެއާލް މެޑްރިޑްގެ ވިންގާ އެޑިން ހަޒާޑް ފުޓްބޯޅަ ކެރިއަރު ނިންމާލައިފި

ހުސެން ހަމްދާން - ޔޫރަޕް | 10 އޮކްޓޯބަރ 2023 , އަންގާރަ 21:18   509

ޗެލްސީގެ ކުރީގެ ވިންގާ ހަޒާޑް ފުޓްބޯޅަ ކުޅުން ހުއްޓާލިކަން އިއުލާންކޮށްފިއެވެ.

އުމުރުން 32 އަހަރުގެ ކުރީގެ ޗެލްސީ އަދި ރެއާލް މެޑްރިޑްގެ ވިންގާ އެޑިން ހަޒާޑް 2019 ވަނަ އަހަރު ޗެލްސީއިން 89 މިލިއަން ޕައުންޑަށް ރެއާލް މެޑްރިޑް އާއި ގުޅުނު ނަމަވެސް ސްޕެނިޝް ލީގުގައި ކުޅެފައިވަނީ އެންމެ 54 މެޗެވެ. އަދި މިދިޔަ ސީޒަން ނިމުނުއިރު އޭނާ ވަނީ އެ ކްލަބު ވެސް ދޫކޮށްލާފައެވެ.

ރެއާލް މެޑްރިޑުގައި ހަޒާޑް ވަނީ ޗެމްޕިއަންސް ލީގާއި ކްލަބް ވޯލްޑް ކަޕަކާއި ޔޫރަޕިއަން ސުޕަ ކަޕަކާއި ލަލީގާގެ ދެ ތަށި، ކޮޕާ ޑެލްރޭގެ އެއް ތަށި އަދި ސްޕެނިޝް ސުޕަ ކަޕް ދެ ތަށި ހޯދައިފައެވެ. އެކަމަކު ސްޕެއިންގައި ހޭދަކުރި ދުވަސްވަރު ހަޒާޑްއަށް ހުރިހާ މުބާރާތެއްގައި ކުޅުނު 76 މެޗުން އޭނާއަށް ޖެހުނީ އެންމެ 7 ގޯލެވެ.

ޗެލްސީއަށް ކުޅުނު 352 މެޗުން ހަޒާޑް ވަނީ 110 ގޯލް ކާމިޔާބު ކޮއްފައެވެ. އަދި 2019 ވަނަ އަހަރުގެ ޔޫރޮޕާ ލީގުގެ ފައިނަލުގައި އާސެނަލްއާ ދެކޮޅަށް ކުޅުނު ފަހު މެޗުން މޮޅުވި ގޯލު ވެސް ޖަހާދީފައެވެ. މީގެއިތުރުން ޗެލްސީގައި ހޭދަކުރި ދުވަސްވަރު އޭނާ ވަނީ ޕްރިމިއާ ލީގުގެ ދެތަށިވެސް ހޯދައިފައެވެ. ޗެލްސީގެ ތާރީހުގައި ވެސް އެންމެ މޮޅު އެއް ކުޅުންތެރިޔާ ކަމަށް ސިފަކޮށް އެ ކްލަބުގެ ވެބްސައިޓުގައި ބުނެފައިވެއެވެ. އަދި ޗެލްސީއިން އޭނާއަށް އަބަދުވެސް މަރުހަބާ ކިޔާނެކަމަށް ވެސް ބުނެފައިވެއެވެ.

ހަޒާޑް ވަނީ ބެލްޖިއަމްގެ 126 މެޗުކުޅެ 33 ގޯލް ކާމިޔާބުކޮށްފައެވެ. އޭނާ ވަނީ ތިން ވޯލްޑް ކަޕާއި ދެ ޔޫރަޕިއަން ޗެމްޕިއަންޝިޕްގައި ކުޅުނު އިރު، 56 ފަހަރު ޓީމުގެ ކެޕްޓަންކަން ވެސް އަދާކޮށްފައެވެ. ހަޒާޑް 2018 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ތިން ގޯލު ޖަހައި ބެލްޖިއަމް ތިން ވަނަ ހޯދައިދީފައެވެ. ހަޒާޑް ވަނީ 2022 ވަނަ އަހަރުގެ ވޯލްޑް ކަޕުން ގްރޫޕް ސްޓޭޖުގައި ކަޓައިގެން ދިޔަ ސްކޮޑުގައި ހިމެނުމަށް ފަހު މިދިޔަ ޑިސެމްބަރު މަހު ބައިނަލްއަގުވާމީ ފުޓްބޯޅައިން އިސްތިއުފާދީފައެވެ.

"މިހާރު މިއީ އަހަރެންގެ ލޯބިވާ މީހުންނާއެއްކޮށް، އުފާކޮށް އާ ތަޖުރިބާތަކެއް ކުރާ ވަގުތު" ކަމަށް ބުނެ ދިގު މެސެޖެއް ވަނީ ހަޒާޑް އިންޓަގްރާމްގައި ހިއްސާކޮއްފައެވެ.

ޓެގްސް: ފުޓުބޯޅަ ރެއަލް މެޑްރިޑް ޗެލްސީ ބެލްޖިއަމް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.