ޕްރެމިއާ ލީގުގައި މިރޭ، ޓޮޓެންހަމް އާއި ވޫލްވާހެމްޕްޓަން ބައްދަލުކުރި މެޗުގައި ޓޮޓެންހަމްގެ ގޯލަށް ބޯޅަ ވައްދަނީ

ކުޅިވަރު

އިތުރުގަޑީގައި 2 ގޯލާއިއެކު ވޫލްވްސް ޓޮޓެންހަމް ބަލިކޮށްފި، ތާވަލަށް ބަދަލުތަކެއް

އަލީ އަޒްޔަން - ޔޫރަޕް | 11 ނޮވެންބަރު 2023 , ހޮނިހިރު 23:35   592

ޓޮޓެންހަމް ޕްރިމިއަރ ލީގްގެ 12 ވަނަ ގޭމްވީކް ފެށީ ތާވަލުގެ އެއްވަނައަށް އަނބުރާ އައުމުގެ މަޤްޞަދުގައި، ނަމަވެސް އިތުރު ގަޑީގައި 2 ގޯލް ޖަހައި ވޫލްވާހެމްޕްޓަން ވޮންޑަރަރސް (ކުރުކޮށް ކިޔާނަމަ ވޫލްވްސް) ވަނީ ޓޮޓެންހަމްގެ މައްޗަށް މިރޭ ކާމިޔާބީ ހޯދާފައެވެ.

މޮލިނޯ ސްޓޭޑިއަމްގައި ކުޅެވުނު މިމެޗުގެ 3 ވަނަ މިނެޓުގައި ޓޮޓެންހަމްގެ ބްރެންނަން ޖޯންސަން ވަނީ ބޮލުން ގޯލެއް ކާމިޔާބުކޮށްދީފައެވެ. ޕެޑްރޯ ޕޯރޯ ނަގައިދިން ބޯޅައެއް ގޯލާ ދާދި ކައިރީގައި ޖޯންސަން ޖަހާފައިވާއިރު، މިގޯލަކީ މި ޕްރިމިއަރ ލީގް ސީޒަނުގެ 4 ވަނައަށް އެންމެ އަވަހަށް ޖަހާފައިވާ ގޯލެވެ.

ދެވަނަ ހާފް ވޫލްވްސް އިން ވަނީ ވަރަށް ރަނގަޅައަށް ފަށާފައެވެ. ވޫލްވްސް އަށް މެޗުގެ ނަތީޖާ އެއްވަރުކުރުމުގެ ވަރަށް ރަނގަޅު ފުރުސަތެއް، ރަނގަޅު ފޯމެއްގައިހުރި ކޮރެއާގެ ހުވަންގް ހީ-ޗާނަށް މެޗުގެ 55 ވަނަ މިނެޓުގައި ލިބުނެވެ. އެކަމަކު، އެ ފުރުސަތުގެ ބޭނުން ރަނގަޅައަށް ނުހިފި ބޯޅަ ޖެހީ ބޭރަށެވެ.

ވޫލްވްސްއަށް ދެން މެޗު އެއްވަރުކުރުމުގެ ފުރުސަތެއް ލިބުނީ މެޗުގެ 85 ވަނަ މިނެޓުގައެވެ. އޮސްޓްރިއާގެ ކުޅުންތެރިއެއް ކަމަށްވާ ސާޝާ ކަލަޔަޗިޗް އަށް ބޮލުން ޖަހަން ލިބުނު ފުރުސަތުވެސް ޖެހީ ބޭރަށެވެ.

ޓޮޓެންހަމްއަށް މިމެޗު އުނދަގޫ ވެގެންދިޔަ މައިގަނޑު ސަބަބަކަށްވީ އެޓީމުގެ އެންމެ މުހިންމު 2 ޑިފެންޑަރުން ކަމަށްވާ ރޮމޭރޯ އާއި ވެން ޑާ ވެން ނެތުމެވެ. ނަމަވެސް ހިއްވަރާއެކު ނަތީޖާ ހިފަހައްޓަން ޓޮޓެންހަމުން ވަނީ ވަރަށް ގިނަގުނަ މަސައްކަތް ކޮށްފައެވެ. ކޮންމެއަކަސް، މެޗު މުޅިން ބަދަލުކޮށް ވޫލްވްސްއަށް މޮމެންޓަމް ލިބެންފެށީ ވޫލްވްސް އިން ޕަބްލޯ ސަރާބިއާ ބެންޗުން އެރުމުންނެވެ. ވޫލްވްސްގެ ފުރަތަމަ ގޯލު ކާމިޔާބުކުރީ ޕަބްލޯ ސަރާބިއާގެ ވޮލީއަކުންނެވެ. ސަރާބިއާ ކުޅުނު އަވަސް ބޯޅައެއްގެ ސަބަބުން ލެމީނާއަށް ރަނުގެ ފުރުސަތެއް ލިބިގެން ދިޔައެވެ. އެއްފަހަރުން ޖަހާލި ޝޮޓު ވަދެގެން ވޫލްވްސް އިން ވަނީ 2 ގޯލު ޖަހާ މެޗު މޮޅުވެފައެވެ.

މިމެޗުގެ ނަތީޖާއާއެކު ޓޮޓެންހަމް ވަނީ ތާވަލުގެ 2 ވަނައަށް ވެއްޓިފައެވެ. ނަމަވެސް މިމޮޅާއެކީ ވޫލްވްސް ވަނީ 12 ވަނައަށް އަރާފައެވެ. މެޗުގެ މޭން އޮފް ދަ މެޗްކަން ހޯދާފައިވަނީ ވޫލްވްސް ގެ ޕަބްލޯ ސަރާބިއާއެވެ.

ޓެގްސް: ޓޮޓެންހަމް ހޮޓްސްޕާ އިނގިރޭސި ޕްރެމިއަރ ލީގް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.