ކޯލް ޕާލްމާގެ ޕެނަލްޓީއަށްފަހު

ކުޅިވަރު

ޗެލްސީ އަދި މެންޗެސްޓަރ ސިޓީގެ ހަނގުރާމަ – ނިމުނީ އެއްވަރުވެގެން

[email protected] - ޔޫރަޕް | 14 ނޮވެންބަރު 2023 , އަންގާރަ 07:06   509

ޕްރިމިއަރ ލީގުގައި ޗެލްސީ އަދި މެންޗެސްޓަރ ސިޓީއިން ވަނީ 4-4 ގެ ނަތީޖާއަކާއެކު ވަރަށް ފޯރިގަދަ މެޗެއް ކުޅެފައެވެ.

މިއީ 2009 ގެ ލިވަރޕޫލް އަދި އަރސެނަލްގެ 4-4 އިން ނިމުނު މެޗަށްފަހު ފުރަތަމަ ފަހަރަށް ޕްރިމިއަރ ލީގުގައި މެޗެއް 4-4 އިން އެއްވަރުވެގެންދިޔަ ފަހަރެވެ.

ސިޓީއިން މެޗުގެ ކުރި ހޯދީ މެޗުގެ 25 ވަނަ މިނެޓުގައި އަރލިންގް ހާލަންޑް ޖެހި ޕެނަލްޓީއަކުންނެވެ. މިޕެނަލްޓީ ލިބިފައިވަނީ ޗެލްސީގެ މާކް ކުކުރެލާ ފައުލް ކުރިކަމަށް ބުނެ ވީއޭއާރ އިން ނިންމި ސުވާލުއުފެދޭ ނިންމުމަކުންނެވެ. ނަމަވެސް، ޗެލްސީއިން ވަނީ އެންމެ 4 މިނެޓު ފަހުން މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. ޗެލްސީއިން ގޯލު ކާމިޔާބުކޮށްދިނީ މިހާރު ޗެލްސީގައި ކުޅޭ އެންމެ ދުވަސްވީ ކުޅުންތެރިޔާ ކަމަށްވާ ތިއާގޯ ސިލްވާއެވެ. މިގޯލާ އެކީ ސިލްވާއަށް ވަނީ ވަރަށް ބޮޑު ޝަރަފެއް ލިބިފައެވެ. ތިއާގޯ ސިލްވާއަކީ ޕްރިމިއަރ ލީގުގައި 39 އަހަރަށްވުރެ މަތީގެ ކުޅުންތެރިންގެ ތެރެއިން ގޯލެއް ޖަހާފައިވާ 4 ވަނަ ކުޅުންތެރިޔާއެވެ. މިޝަރަފު ދެން ލިބިފައިވަނީ ޓެޑީ ޝެރިންގަމް އާއި، ޑީން ވިންޑާސް އަދި ރަޔަން ގިގްސް އަށެވެ.

ޗެލްސީއިން މިމެޗުގައި ފުރަތަމަ ފަހަރަށް ކުރިހޯދާފައިވަނީ މެޗުގެ 37 ވަނަ މިނެޓުގައި ރީސް ޖޭމްސް ކުޅުނު ރީތި ބޯލައަކުން ރަހީމް ސްޓާލިންގް ޖެހި ގޯލަކުންނެވެ. ސިޓީއިންވަނީ ޗެލްސީކޮޅަށް ގިނަގުނަ ހަމަލާތަކެއް ކޮށްފައެވެ. އެގޮތުން ސިޓީގެ ހާލަންޑަށް ލިބުނު ފުރުސަތެއްގައި ވަރަށް ބާރަށް ތިރީން ޝޮޓެއް ޖެހިއެވެ. ނަމަވެސް ޗެލްސީގެ ކީޕަރު ރޮބާޓް ސަންޗޭޒް ވަނީ ވަރަށް މޮޅު ސޭވްއެއް ކޮށް ނަތީޖާ ހިފަހައްޓާފައެވެ. ކޮންމެއަކަސް، މެޗުގެ ފުރަތަމަ ހާފް ނިމެން ކައިރިވެފައި ވަނިކޮށް ސިޓީއަށް ލިބުނު ފުރުސަތަކުން ސިޓީގެ މެނުއަލް އަކަންޖީ ވަނީ ބޮލުން ޖަހާ ގޯލެއް ކާމިޔާބުކޮށްފައެވެ. މި ގޯލު އެސިސްޓްކޮށްދީފައިވަނީ ޕޯރޗުގަލް އަށް ނިސްބަތްވާ ބަރނާޑޯ ސިލްވާއެވެ. އަކަންޖީ އަކީ ވަރަށް ފޯމުގައި ހުރި ކުޅުންތެރިއެއްކަން ފާހަގަކޮށްލަންޖެހޭ ސަބަބަކަށްވީ ސިޓީގެ އެންމެ ފަހުން ކުޅުނު 3 މެޗުގައިވެސް އަކަންޖީ ވަނީ ގޯލު ޖަހާފައެވެ. މީގެ ކުރިން އަކަންޖީ އަށް 60 މެޗު ކުޅެގެން ޖެހިފައިވަނީ އެންމެ ގޯލެކެވެ.

ދެވަނަ ހާފް ފެށިގެން ދިޔައީވެސް ހަމަ އެހާމެ ފޯރިގަދަކޮށެވެ. ދެވަނަ ހާފުގެ 2 މިނެޓުގެ ތެރޭގައި ސިޓީއިން ހާލަންޑް ވަނީ ކީޕަރަށް ސޭވް ރަނގަޅައަށް ނުވެވުނު ބޯލައެއް ގޯލަށް ޖަހާފައެވެ. އޭގެ އިރުކޮޅެއްފަހުން ޗެލްސީ އިން ކޮނަރ ގަލަގާ ދުރުން ގޯލަށް ފޮނުވާލި ބޯޅަ ސިޓީގެ ކީޕަރު އެޑަސަން ހުއްޓުވިއެވެ. ނަމަވެސް ބޯޅަ އައިސް ވެއްޓުނީ ޗެލްސީގެ ނިކޮލަސް ޖެކްސަންގެ ކުރިމައްޗަށެވެ. ފުރުސަތުގެ ބޭނުންކޮށް ޖެކްސަން ވަނީ ޗެލްސީގެ 3 ވަނަ ގޯލު ކާމިޔާބުކޮށްދީފައެވެ.

ޗެލްސީއިން މެޗު މޮޅުވުމުގެ އެންމެ ބޮޑު ފުރުސަތެއް ލިބިގެން ދިޔައީ ޗެލްސީގެ މާލޯ ގުސްތޯ އަށް ލިބުނު ހުސް ބޯޅައިންނެވެ. ނަމަވެސް ގޯލަށް ފޮނުވާލި ބޯޅަ ދިޔައީ ގޯލުގެ ދަގަނޑުމަތިންނެވެ. ޗެލްސީއާއި ސިޓީއިން ވަރަށް ފޯރިގަދަކޮށް، ވަރަށް އަވަސް ކުޅުމެއްގައި ކުޅެވެމުން ދިޔަ މެޗު އަނެއްކާވެސް އިތުރަށް ފޯރިގަދަވީ ، މެޗުގެ 86 ވަނަ މިނެޓުގައި ސިޓީގެ ރޮޑްރީ ، ޕެނަލްޓީ އޭރިއާ ބޭރުން ޖެހި ބޯޅަ، ޗެލްސީގެ ތިއާގޯ ސިލްވާގެ ފައިގައި ޖެހިފައި ގޯލަށް ވަން ހިސާބުންނެވެ.

ނަމަވެސް އިތުރު ގަޑީގައި ކުޅެނިކޮށް، 95 ވަނަ މިނެޓުގައި، ސިޓީގެ ރޫބެން ޑިއާޒް ވަނީ ޗެލްސީގެ އަރްމާންޑޯ ބްރޯޖާ ޕެނަލްޓީ އޭރިއާ ތެރެއިން ފައުލްކޮށްފައެވެ. ޗެލްސީއަށް ޕެނަލްޓީ އެއް ލިބި ޗެލްސީ، މިސީޒަނަށް ސިޓީއިން ގެނައި ޒުވާން ކުޅުންތެރިޔާ ކަމަށްވާ ކޯލް ޕާލްމާ ވަނީ ޕެނަލްޓީ ޖަހާ 4-4 ގެ ނަތީޖާއަކުން ޗެލްސީ އެއްވަރުކޮށްދީފައެވެ.

މެޗު ނިމިގެން ދިޔައިރު ޗެލްސީގެ ކޯޗު ، މޮރީސިއޯ ޕޮޗެޓީނޯ ވަނީ ރެފްރީ އެންތޮނީ ޓެއިލަރގެ ރެފްރީކުރުމަށް ވަރަށް ފާޑުކިޔާ، ދަނޑުމަތިން ރެފްރީއާ ދިމާކުރުމަށް އުޅެފައެވެ. މިއީ، މެޗު ނިމެންކައިރިވެފައި ވަނިކޮށް ސިޓީގެ ކައިލް ވޯލްކާ އަތުގައި ބޯޅަ ޖެހި ޕެނަލްޓީ އަކަށް ގޮވުމުން، އެ ޕެނަލްޓީ ޗެލްސީއަށް ދީފައި ނުވާތީއެވެ. ރެފްރީ އެންތޮނީ ޓެއިލަރ ވަނީ ޕޮޗެޓީނޯއަށް ރީނދޫ ކާޑެއްވެސް ދައްކާފައެވެ.

ހިތްހަމަނުޖެހޭ ގޮތްނިންމުންތަކާ، 8 ގޯލާ، ފޯރިގަދަކަމާއެކީ ނިމިގެން މިދިޔަ މެޗަކީ ހުރިހާ ޕަންޑިޓުންވެސް ލަފާކުރިހެން "ޕްރެމިއަރ ލީގް ކްލަސިކް" އެކެވެ. މެޗުގެ މޭން އޮފް ދަ މެޗް ކަން ލިބިފައިވަނީ މެންޗެސްޓަރ ސިޓީގެ އަރލިންގް ހާލަންޑަށެވެ.

ޓެގްސް: ޗެލްސީ މެންޗެސްޓާރ ސިޓީ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.