މިހާރު އައްޑޫ ސިޓީގައި ކުރިއަށްދާ އެފްއޭއެމް 16 އަހަރުން ދަށުގެ އިންޓަރސްކޫލް ފުޓުބޯޅަ މުބާރާތުގެ ފައިނަލަށް ހިތަދޫ ސްކޫލް އާއި ސ. އަތޮޅު މަދުރަސާ ދަތުރުކޮށްފިއެވެ.
ސ.އަތޮޅު މަދުރަސާ ފައިނަލަށް ދިޔައީ މިއަދު މެންދުރު ފަހު ކުޅުނު ސެމީފައިނަލްގެ ފުރަތަމަ މެޗުގައި ޝަރަފުއްދީން ސްކޫލްއާއި ބައްދަލުކޮށް 4-3 ގެ ނަތީޖާއަކުން ކުރިހޯދައިގެންނެވެ. މެޗުގެ ފުރަތަމަ ހާފް ނިމުނު އިރު ސްކޯއަކީ 2-1 އެވެ. މެޗުގެ ފުރަތަމަ ގޯލްޖެހީ ސ.އަތޮޅު މަދުރަސާގެ ހަސަން ޒާމިލް (ޖ#10) އެވެ. އޭނާ ވަނީ އިތުރު ދެ ގޯލް ޖަހައި ހެޓްރިކްވެސް ހަދާފައެވެ. އަދި ހަމައެހެންމެ މެޗުގެ މޭންއޮފްދަމެޗްކަން ވެސް ހޯދާފައިވަނި އޭނާއެވެ. އެޓީމަށް ހަތަރުވަނަ ގޯލެއް ކާމިޔާބުކޮށްދިނީ މެޗުގެ އެންމެ ފަހު މިނެޓްގައި މުހައްމަދު ނާހިލް އަގީލް (ޖ#12)އެވެ.
ޝަރަފުއްދީން ސްކޫލުން، ޒާދް މުހައްމަދު ޚާލިދު (ޖ#10) ވަނީ ދެގޯލުޖަހާފައެވެ. އޭނާގެ އިތުރުން ތިނަވަނަ ގޯލެއް ޖަހާފައިވަނީ މުހައްމަދު ނަހްވާން ރިޔާޒް (ޖ#9) އެވެ. އެއީ މެޗުގެ 61 ވަނަ މިނެޓްގައެވެ.
މަޗުގައި ދެއްކި ހަމައެކަނި ރީނދޫ ކާޑު ދައްކާފައިވަނީ ސ. އަތޮޅު މަދުރަސާގެ ކޯޗު، އަހުމަދު ރަޝީދަށެވެ.


ހިތަދޫ ސްކޫލް ފައިނަލަށް ދިޔައީ މިއަދު ހަވީރު ކުޅުނު ސެމީގެ ދެވަނަ މެޗުގައި ފޭދޫ ސްކޫލާއި ބައްދަލުކޮށް 2-1 އިން ކުރި ހޯދައިގެންނެވެ. ފުރަތަމަ ހާފް ނިމުނުއިރު ސްކޯއަކީ 2-0 އެވެ. ފުރަތަމަ ގޯލު ޖަހާފައިވަނީ ހިތަދޫ ސްކޫލްގެ މުހައްމަދު އައިމަން ހަސަން (ޖ#7) އެވެ. ދެވަނަ ގޯލް ވެސް ޖެހީ އޭނާއެވެ. އެއީ 18 ވަނަ މިނެޓުގައެވެ. ނަމަވެސް ކުޅުމުގެތެރެއިން ލިބުނު އަނިޔާއަކާއިހެދި، އައިމަން އަށް ދެވަނަ ހާފްގައި ކުޅުމުގެ ފުރުޞަތު ލިބިފައިނުވެއެވެ.
މެޗުގެ 66 ވަނަ މިނެޓުގައި ފޭދޫސްކޫލްގެ ހަސަން އުލްވާން ރަޝީދު (ޖ#10) ވަނީ ގޯލެއް ޖަހާ އެޓީމަށް ސުން ކަނޑުވާލަ ދީފައެވެ. ނަމަވެސް އިތުރު ގޯލެއް ޖެހޭވަރެއް ނުވިއެވެ.
މިމެޗުގައި އަރްސަލް އަދި އުލްވާނަށް ރީނދޫ ކާޑު ދައްކާފައިވާއިރު، މެޗު ފުރިހަމަ ވަގުތު ނިމި އިތުރު ވަގުތުގެ އެއް މިނެޓުގައި ފޭދޫ ސްކޫލް ޓީމުން ނާއިލް (ޖ#22) ވަނީ ރަތްކާޑު ދައްކާ ދަނޑުން ފޮނުވާލާފައެވެ.
މެޗުގެ މޭން އޮފްދަމެޗްކަން ހޯދާފައިވަނީ ހިތަދޫ ސްކޫލްގެ މުހައްމަދު އައްޝަމް އާމިރް (ޖ#16) އެވެ.


މިމުބާރާތުގެ ފައިނަލް މެޗު އޮންނާނީ އާއްދީއްތަ ދުވަހު ހަވީރު އައްޑު ސްޓޭޑިއަމްގައެވެ. ބައްދަލުކުރާނީ ހިތަދޫ ސްކޫލާއި ސ.އަތޮޅު މަދުރަސާއެވެ.
މިޚަބަރާއި ގުޅޭ :
- އެފްއޭއެމް އައްޑޫ އިންޓަރސްކޫލް U16 ޓޯނަމެންޓް، ގްރޫޕްމެޗުތަކުގެ ނަތީޖާ
- އެފްއޭއެމް ސްކޫލް މުބާރާތުގެ ފެށުން : ހިތަދޫ ސްކޫލް 4-3 ޝަރަފުއްދީން